23 އެޕްރީލް 2025 - 13:59

ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވުމުން ވަރަށް ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގާމްގައި ހިންގި ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާގައި މަރުވި ކުށެއްނެތް މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ޚަބަރުން އެ މަނިކުފާނަށް ސިހުން ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންގެ ފިކުރުތައް ވަނީ އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކާއެކުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕަހަލްގާމްގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ވަނީ 24 މީހުން މަރުވެފަ އެވެ. އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އާންމުންނަށް އަމާޒުކޮށް، މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.