16 މާޗް 2017 - 09:59

ވޮޝިންޓަން (މާޗް 16) - ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރުގެ އަގު ހުރި ޕެޓްރިއޮޓް މިސައިލަކުން ހަމަލާދީ ކުޑަ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.
އަސްކަރީ ސިމްޕޯޒިއަމެއްގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޑޭވިޑް ޕާކިންސް ވިދާޅުވީ ދިފާއަށް ޓަކައި ކުރާ ކަމަކަށްވިޔަސް އެމޭޒޮން.ކޮމް އިން ވެސް 200 ވަރަކަށް ޑޮލަރަށް ލިބޭ ޑްރޯނެއް ވައްޓާލުމަށް ބިމުން ޖައްވަށް ފޮނުވާ މިސައިލެއް ބޭނުން ކުރުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ޕެޓްރިއޮޓް މިސައިލަކީ ދުޝްމަނުންގެ މަތިންދާ ބޯޓާއި ބެލިސްޓިކް މިސައިލަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެއްޗެކެވެ.
މި ހާދިސާ ހިނގި ތަނަކާއި އެއީ ކޮން ދުވަސްވަރެއްގައި ހިނގާފައިވާ ކަމެއްކަން ޖެނެރަލް ޕާކިންސް ވިދާޅެއް ނުވެ އެވެ.
ޕެޓްރިއޮޓް މިސައިލް އެންމެ ފުރަތަމަ އުފައްދަން ފެށީ 1980 ގެ އަހަރުތަކުގަ އެވެ. މި ބާވަތުގެ މިސައިލް 12 ގައުމެއްގައި އޮޕަރޭޓް ކުރެ އެވެ. އޭގެ ތެރޭގައި އެމެރިކާ، ނެދަލޭންޑްސް، ޖާމަނީ، ޖަޕާން، އިޒްރޭލް އަދި ސައުދީ އަރަބިއާ ހިމެނެ އެވެ. މިއީ އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ. ޑްރޯނެއްގެ ސްޕީޑަކީ ގަޑިއަކު 50 ކިލޯ މީޓަރެވެ.