23 އެޕްރީލް 2025 - 11:46

ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ލިބުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ މީހުންނަށް ޕޭޕަލް ކަހަލަ ޕޭމަންޓް ސިސްޓަމްތައް ލިބޭނީ ކޮން އިރަކުތޯ "ދެނޯ" އިން ގެނެސްދޭ "ސްޕޮޓް އޮން" ޕޮޑްކާސްޓުގައި ސުވާލު ދެންނެވުމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޕޭޕަލްއަކީ އެންމެ ބޮޑަށް މަސައްކަތްކުރާ އޮންލައިން ޕޭމަންޓް ސިސްޓަމެވެ.
ރާއްޖެ އަށް ޕޭޕަލް ގެނައުމަށް ކުރާ މަސައްކަތުގައި ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަރަށް އުއްމީދު ބޮޑު ކަމަށް ރައީސް މުއިއްޒު މި ޝޯގައި ވިދާޅުވި އެވެ.
"ވަރަށް އުއްމީދު ބޮޑު. އެހެންވީމާ ހިނގާ އުއްމީދުކުރަމާ،" ރައީސް ވިދާޅުވި އެވެ.
އެކަމަކު ޕޭޕަލް ލިބޭނެ ވަކި ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.
ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅައިފަ އެވެ.
ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އޮގަސްޓް މަހުގެ 22 ގައި އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، ވޮޝިންޓަނަށް ކުރެއްވި ދަތުރުގައި ވެސް ރާއްޖެ އާއި ޕޭޕަލް ގުޅުވައި ދިނުމަށް އެމެރިކާ ސަރުކާރުގެ އިސްވެރިންގެ އެހީތެރިކަން ލިބުނެވެ.
ސަައީދު ވިދާޅުވީ، ޕޭޕަލްގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ މާކެޓާ ގުޅޭ ގޮތުން ކުރިން އޮޅުން ނުފިލާ ވަރަށް ގިނަ ކަންކަން އެ ބޭފުޅުންނަށް އޮޅުން ފިލި ކަމަށެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހު ފަށައިފަ އެވެ.