22 އެޕްރީލް 2025 - 22:13

ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި މަދުވެގެން 24 މީހަކު މަރާލައިފި އެވެ.

އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އާންމުންނަށް އަމާޒުކޮށް، މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހޫނު މޫސުމުގައި އަރާމުކޮށްލަން ހިތްގައިމު ތަނެއް ކަމަށްވާ ޕަހަލްގަމްގައި ހިންގި "ނުބައި އަމަލު" ކުށްވެރިކުރައްވައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެ ހަމަލާ ކުށްވެރިކުރައްވައިފަ އެވެ.
ޓުއާ ގައިޑަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ހަމަލާ ދިން ތަނަށް އޭނާ ދިޔައީ ބަޑީގެ އަޑު އިވެން ފެށުމުންނެވެ. އޭރު އެއްބަޔަކު މަރުވެފައި އަދި ބައެއް މީހުން ޒަހަމްވެފައި ތިބި ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ފެނުނު ބައެއް މީހުން ބިންމަތީ މަރުވެފައި ތިބި ކަހަލަ ގޮތަކަށް ވެއްޓިފައި ތިއްބާ،" ވަހީދު ކިޔާ މީހަކު އޭއެފްޕީއަށް ކިޔައިދިނެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ މައި ސިޓީ ކަމަށްވާ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންގެ ބަޔަކަށެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނުއުފުލަ އެވެ. ނަމަވެސް ހަނގުރާމަވެރިން 1989 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ނުރައްކާތެރި ހަމަލާތައް ދޭތެރެދޭތެރެއިން ދެ އެވެ. އެ މީހުންގެ ޑިމާންޑަކީ ކަޝްމީރަށް ވަކިން މިނިވަންކަން ދިނުން ނުވަތަ ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދާ އެއްކޮށްލުމެވެ.
އިންޑިއާގެ ފަސް ލައްކަ ސިފައިން އެ ސަރަހައްދުގައި ދާއިމީ ގޮތެއްގައި ހަރަކާތްތެރިވަމުން އަންނަ އިރު، މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު، ކަޝްމީރުގެ އޮޓޮނޮމީ އުވާލުމާ އެކު ކުރިމަތިލުންތައް ވަނީ މަދުވެފަ އެވެ.