23 އެޕްރީލް 2025 - 06:11

މަތިންދާބޯޓުގައި ދަތުރުކުރަން ވަރަށް ބޮޑަށް ބިރުގަންނަ ނަމަވެސް، ރާއްޖެ އައުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ހޮލީވުޑްގެ ތަރި ޖެނިފާ އެނިސްޓަން ބުނެފި އެވެ.
އެމެރިކާގެ ނިއު ޔޯކުގެ "ޓްރެވަލް ޕްލަސް ލެޒާ" މެގަޒިނަށް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާއަށް ރަނގަޅު ޗުއްޓީ ދަތުރެއްގެ އިހުސާސް ކުރެވެނީ ދޮންވެލި ގޮނޑުދޮށްތަކާއި ރީތި ސާފު މޫދެއް އޮންނަ ތަނަކަށް ދެވުމުން ކަމަށެވެ. މިދިޔަ މަހު ދިން އެ އިންޓަވިއު އެ މެގަޒިންގެ ވެބްސައިޓުގައި ޝައިއުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
"އަހަރެން ވަރަށް ބޮޑަށް ބިރުގަނޭ މަތިން ދަތުރުކުރަން،" ޖެނިފާ ބުންޏެވެ.
އެ ބިރާ ހެދި މަތިންދާބޯޓަކަށް އަރާ ކޮންމެ ފަހަރަކު، ބޯޓުގެ ދޮރާ އަރާ ހަމަވުމުން ފުރަތަމަ ބޯޓުގެ ބޭރުގައި އޭނާގެ ކަނާތްތިލަ ޖައްސައި، ބޯޓަށް ފުރަތަމަ ފިޔަވަޅު އަޅަނީ ވެސް އޭނާގެ ކަނާތު ފައިން ކަމަށް، މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި ޖެނިފާ ބުންޏެވެ.
"މި ބިރާއި ވަހުމް ފިލާތޯ އަހަރެން މިހާރު މި އަންނަނީ ހިޕްނޯސިސް ވެސް ކުރަމުން،" އޭނާ ބުންޏެވެ.
"މިހާރު ކަނާތްތިލައިން، ކަނާތު ފައިން އެ ކުރި ކަންކަން ނުކުރަން. މިހާރު އެ ކަންތައްތައް ހައިރާންވާ ވަރަށް ރަނގަޅު ވެއްޖެ."
އެ އިންޓަވިއުގައި ވަނީ ޖެނިފާ މިހާރު އެންމެ ދާން ބޭނުންވެ، ނުދެވި ވަނީ ކޮން މަންޒިލަކަށްތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ ޖަޕާނާއި ރާއްޖެއަށް ވަރަށް ބޮޑަށް ދާން ބޭނުންވާ ކަމަށެވެ.
ޖެނިފާ ވަނީ އޭނާގެ ޗުއްޓީ ދަތުރުތަކާ ގުޅޭ ވަރަށް ގިނަ ވާހަކަތައް އެ އިންޓަވިއުގައި ކިޔައިދީފަ އެވެ.