22 އެޕްރީލް 2025 - 21:07

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގައި އިމާރަތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ދެ ގައުމު ގުޅުމުގެ ނިޝާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުގައި މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.
ޑރ. ސަލާހުލްބުދައިރު މިއަދު ވަނީ ރަައިސް މުއިއްޒުއާ، އެ މަނިކުފާނުގެ އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަދީނާގެ ހަރަމްފުޅުގެ އިމާމު، އެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން، ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ސައުދީން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ސަލްމާން މިސްކިތަކީ އަޅުގަނޑުމެން [ސައުދީ އާއި ރާއްޖޭގެ] ގުޅުމުގެ ވަރުގަދަ ނިޝާނެއް. އަޅުގަނޑު ގަބޫލުކުރަނީ ސައުދީ ރަސްގެފާނަކީ އިސްލާމީ އުއްމަތުގެ ލީޑަރުކަމުގައި،" ރައީސް ވިދާޅުވި އެވެ.
ނަބަވީގެ އިމާމް، މާދަމާ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ޑރ. ސަލާހުލްބުދައިރު އެވެ.
ސަލްމާން މިސްކިތް ބޭނުންކުރަން ފެށީ 2023 ވަނަ އަހަރުގެ ރޯދަމަހު އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމި ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ނުފެށި ދިގުލައިގެން ދިޔަ އެވެ.