22 އެޕްރީލް 2025 - 15:37

ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ އެކު ވަރަށް އުފާވެރި ވަގުތުކޮޅެއް މިއަދު ހޭދަކުރައްވައިފަ އެވެ.

ޑރ. ސަލާހުލްބުދައިރު މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލު ކުރެއްވިއިރު، ނަމާދުކުރާ ބައި އޮތީ އެ ކުދިންނާ އެކު ފުރިފަ އެވެ.

މި ބައްދަލުކުރެއްވުން ވީ ދަރިވަރުންނަށް ވަރަށް އުފާވެރި އިހުސާސްތަކެއް ގެނުވައިދިން ކަމަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނާއި ބައްދަލުކުރެއްވުމުން ވަރަށް އުފާކުރައްވާ ކަމަށާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. ސަލާހުލްބުދައިރު ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން، އެ ކުދިންގެ ގުރުއާން ކިޔެވުމުގެ ހުނަރު ވެސް ދައްކާލާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަދީނާގެ ހަރަމްފުޅުގެ އިމާމު، ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން، ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ރާއްޖެއަށް އިއްޔެ ވަޑައިގަތް ޑރ. ސަލާހުލްބުދައިރު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހުކުރު މިސްކިތަށް ވެސް ވަޑައިގެން އެ ދެ ތަން ބައްލަވައިލެއްވި އެވެ.
ހަރަމްފުޅުގެ އިމާމު ވަނީ ރާއްޖޭގެ ފަތުވާ މަޖިލިހަށް ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
މި ދަތުރުގައި ހަރަމްފުޅުގެ އިމާމުގެ ދަރުސް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގަ އެވެ. އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ މިނިސްޓަރު ޝަހީމެވެ.
ނަބަވީގެ އިމާމް، މާދަމާ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރައްވާނީ ވެސް އެ އިމާމެވެ.
ހަރަމްފުޅުގެ އިމާމަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މީގެ 40 އަހަރު ކުރިންނެވެ. މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލު އޭރު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.