22 އެޕްރީލް 2025 - 11:20

ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް މިއަދު ހެނދުނު ކުރައްވައިފި އެވެ.

ރާއްޖެއަށް އިއްޔެ ވަޑައިގަތް ޑރ. ސަލާހުލްބުދައިރު ރައީސާ ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައި މިއަދު ހެނދުނު އެވެ.

އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިހް މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މަދީނާގެ ހަރަމްފުޅުގެ އިމާމު، ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަ ކުރުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން، ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު އިމާމް ވަނީ މާލޭގެ ޕްރީސްކޫލުތަކުގެ ކުދިންނާ ވެސް އިސްލާމީ މަރުކަޒުގައި ބައްދަލުކުރައްވައިފަ އެވެ.
މި ދަތުރުގައި ހަރަމްފުޅުގެ އިމާމުގެ ދަރުހެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ މިނިސްޓަރު ޝަހީމެވެ.
ނަބަވީގެ އިމާމް، މާދަމާ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ޑރ. ސަލާހުލްބުދައިރު އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ، ކުރައްވާނީ ވެސް ޑރ. ސަލާހުލްބުދައިރު އެވެ.
ހަރަމްފުޅުގެ އިމާމަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މީގެ 40 އަހަރު ކުރިންނެވެ. މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލު އޭރު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.