22 އެޕްރީލް 2025 - 11:15

މި ހަފުތާގައި އިއްޔެ އާއި މިއަދު ވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވަނީ މަޖިލިހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް މި ހަފުތާގައި އަދި ޖަލްސާއެއް ނުބާއްވަ އެވެ. އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ވަކި ސަބަބެއް އެންގުމެއް ނެތި ޖަލްސާތައް ނުބާއްވާތީ ސުވާލުކުރުމުން، މަޖިލީހުގެ ނައިބު ރައީސް ނާޒިމް "މިހާރު" އަށް ވިދާޅުވީ، މަޖިލިހުގައި ތަޅުމުގައި ކުރާނެ ކަމެއް ނެތުމުން ޖަލްސާތައް ނުބާއްވަނީ ކަމަށެވެ.
ނަމަވެސް، މަޖިލީހަށް އާ ބިލްތަކެއް މިއަދު ލިބިފައިވުމާ އެކު، މާދަމާގެ ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަލްސާ ނެތަސް މަސައްކަތްތައް ކޮމިޓީތަކުން ނިންމުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދޭ. އިއްޔެ ވެސް އޭގެ މަސައްކަތްތައް ކޮމިޓީތަކުން ކުރިއަށް ގެންދިޔަ،" ނާޒިމް ވިދާޅުވި އެވެ.
މި ހަފުތާގެ ޖަލްސާތައް ކެންސަލް ކޮށްފައިވާއިރު، މިދިޔަ އީދު ބަންދަށް ފަހު، މި މަހުގެ ހަތް ވަނަ ދުވަހު ޖަލްސާތައް އަލުން ފެށި ފަހުން މިހާތަނަށް ބާއްވާފައިވަނީ އެންމެެ ހަތަރު ޖަލްސާ އެވެ.
ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުންޏަސް، ބައެއް މިނިސްޓަރުންނާ ކުރުމަށް އިދިކޮޅު މެންބަރުން ހުށަހަޅާފައި ސުވާލުތަކަށް ޖަވާބު ދިނުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ވެސް އެ ބޭފުޅުން ހާޒިރުކޮށްފައި ނުވާތީ އެ މެންބަރުންގެ ކަންބޮޑުވުން އެބައޮތެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ އޭގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަށް ޖަވާބު ދިނުމަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. އެކަމަކު، އެ ޖަލްސާ ކެންސަލްކުރި ވަކި ސަބަބެއް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް ވަނީ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.