އޭޝިއާގެ ސްކޭމް ސެންޓަރުތައް މުޅި ދުނިޔެއަށް އެބަ ފެތުރޭ: އދ
އޭޝިއާގެ ސްކޭމް ސެންޓަރުތައް މުޅި ދުނިޔެއަށް އެބަ ފެތުރޭ: އދ

އޭޝިއާގައި އެތައް ބިލިއަން ޑޮލަރެއްގެ ސައިބާ ސްކޭމް ސެންޓަރުތައް ހިންގާ ކުށްވެރިންގެ ނެޓްވޯކްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރަމުންދާ ކަމަށާއި އެ މީހުން މަނީ ލޯންޑަކުރާނެ އާ ގޮތްތައް ހޯދަމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

ޗައިނާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގޭންގުތަކުން އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްމެންޓާއި ކްރިޕްޓޯކަރަންސީ އާއި ލޯބީގެ ގުޅުންތަކުގެ ތެރެއިން ހީލަތުގެ އަމަލުތައް ހިންގައި އެ ކަންކަމުގެ ޝިކާރައަކަށް ދަނީ އެތައް ބަޔަކު ހަދަމުންނެވެ.

މިޔަންމާގައި ރަނގަޅަށް ނުބެލެހެއްޓޭ ބޯޑަރު ސަރަހައްދުތަކާއި ކެމްބޯޑިއާ އާއި ލާއޯސްގައި "ސްޕެޝަލް އިކޮނޮމިކް ޒޯން" ތަކުގެ ގޮތުގައި ވަނަން ހަރުވެފައިވާ ހިސާބުތަކަށް މި ފަދަ އަމަލުތައް ހިންގާ މީހުންގެ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ.

ނަމަވެސް އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އާ ރިޕޯޓެއްގައި ވަނީ ދެކުނު އެމެރިކާ، އެފްރިކާ، މެދުއިރުމަތި، ޔޫރަޕް އަދި ޕެސިފިކްގެ ބައެއް ރަށްރަށުގައި ނެޓްވޯކްތަކުގެ އޮޕަރޭޝަންތައް ފަށަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.

"އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގެ އޯގަނައިޒްޑް ކްރައިމް ގްރޫޕްތައް މުޅި ދުނިޔެއަށް ފުޅާވަމުން އަންނަ ތަން މި ދަނީ ފެންނަމުން،" ޔޫއެންއޯޑީސީގެ އެކްޓިން ރީޖަނަލް ރެޕްރެޒެންޓޭޓިވް ފޯ ސައުތު އީސްޓް އޭޝިއާ އެންޑް ޕެސިފިކް ބެނެޑިކްޓް ހޮފްމަން ވިދާޅުވި އެވެ.

އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި 2023 ވަނަ އަހަރު، އިންޓަނެޓް މެދުވެރިކޮށް ހިންގި ހީލަތުގެ އަމަލުތަކުގެ ސަބަބުން ގާތްގަނޑަކަށް 37 ބިލިއަން ޑޮލަރު ގެއްލުނު ކަމަށް ޔޫއެންއޯޑީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އަންދާޒާ އަދި މާ ބޮޑު ކަމަށް ވެސް ޔޫއެންއޯޑީސީގެ ރިޕޯޓުގައިވެ އެވެ.

އެފްރިކާގައި މި ކުށުގެ އަމަލުތައް ހިންގާ ގުރޫޕްތައް ވަނީ ފުޅާވެފަ އެވެ. ހާއްސަކޮށް ޒެމްބިއާ، އެންގޯލާ، ނެމީބިއާ، ޕެސިފިކްގެ ރަށްތައް ކަމަށްވާ ފިޖީ، ޕަލާއު، ޓޮންގާ އަދި ވާނުއާޓޫ މި ލިސްޓުގައި ހިމެނެ އެވެ.