22 އެޕްރީލް 2025 - 06:05

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވަނީ ސީދާ އޭނާއަށް ވަފާތެރިވާން ކަމަށާއި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނަށް ޖާސޫސް ކުރަން އެކަމުގެ ތެރެއިން އެންގި ކަމަށް އިޒްރޭލުގެ އިންޓާނަލް ސެކިއުރިޓީ ޗީފް ރޮނެން ބާ ކޯޓުގައި ހެކިބަސް ދެމުން ބުނެފި އެވެ.
ބާ މިހެން ބުނީ އޭނާ މަގާމުން ވަކިކުރަން ނަތަންޔާހޫ ކުރާ މަސައްކަތް ހުއްޓުވަން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހެކިބަސް ދިނުމަށް ހުވާކޮށް އިއްވި ބަޔާނުގަ އެވެ. ބާ މަގާމުން ދުރުކުރަން އުޅޭތީ އިޒްރޭލުގައި މުޒާހަރާތައް ފެށި ނަތަންޔާހޫ އާއި ބާގެ ބަހުގެ ހަމަލާތައް ވަރުގަދަވެފައި ވާއިރު މިއީ މި މައްސަލަ ފުރޮޅިގެންދާނެ ކަމަށް ކުރިން ލަފާ ވެސް ކުރެވިފައިވާ ގޮތެއް ނޫނެވެ.
ޝިން ބެއިތުގެ ވެރިޔާ މަގާމުން ވަކިކުރަން ނިންމި ނިންމުމާ އެޓާނީ ޖެނެރަލާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން އަންނައިރު، އިޒްރޭލުގެ ސިޔާސީ ހުދުމުހުތާރުކަން ދަނީ ހާމަވަމުންނެވެ.
ދިގު އަޑުއެހުމަކަށް ފަހު ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ވަނީ އެ މައްސަލައިގައި އެއްބަސްވުމަކަށް އަންނަން ސަރުކާރަށާއި ބަންޑާރަ ނައިބަށް އަންގައި، އެކަމަށް ވަގުތު ދީފަ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާ ވަރަށް އަވަހަށް އިސްތިއުފާ ދެއްވުން އެކަށީގެންވެ އެވެ.
ސެކިއުރިޓީ ޗީފް މިއަދު ކޯޓަށް ހުށަހެޅި ބަޔާނުގައި ނަތަންޔާހޫގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާ އިރު، އޭގެ ތެރޭގައި އަމިއްލަ ވަފާތެރިކަމަށް ބާގެ ކިބައިން އެދިފައިވާ ކަމަށް ބުނެފައިވެ އެވެ.
ދުސްތޫރީ ހުސްކަމެއް ކުރިމަތިވެއްޖެ ނަމަ ސުޕްރީމް ކޯޓަށް ޔަބާނުވޭ އޭނާ އަމަލުކުރާނީ ނަތަންޔާހޫ އަންގާ ގޮތަށްކަން "ވަރަށް ސާފު" ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބާ ބުނެފައިވެ އެވެ. އޭނާ ބުނީ ނަތަންޔާހޫ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް ޖާސޫސްކުރަން "އެއްފަހަރަށްވުރެ ގިނައިން" ނަތަންޔާހޫ އޭނާގެ ކިބައިން އެދުނު ކަމަށެވެ.
އަދި ނަތަންޔާހޫގެ މައްޗަށް ހިންގަމުންދާ ކޮރަޕްޝަންގެ ޝަރީއަތް ލަސްކުރަން ސަލާމަތީ ސަބަބުތަކެއް ދައްކަން ވެސް ބާގެ ކިބައިން ނަތަންޔާހޫ އެދުނުކަމަށް މީޑިއާގައި ކުރިން އާންމުވި ވާހަކަތައް ބާ ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބާ ވަނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ މައުލޫމާތު ކުރިއާލައި ނަތަންޔާހޫއަށާއި ސަލާމަތީ އިދާރާތަކަށް ވަގުތުން ފޯރުކޮށްދިނުމުގައި ޝިން ބެއިތު ފެއިލްވެފައިވާ ކަމަށް ބުނެ ނަތަންޔާހޫ އާއި އޭނާގެ ބައިވެރިން ކުރާ ތުހުމަތުތައް ވެސް ދޮގުކޮށްފަ އެވެ.