21 އެޕްރީލް 2025 - 12:06

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހޯޕް އައިލެންޑް ތަރައްގީކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށް ފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަކި ތަނެއްގައި ބައިތިއްބައި ސިފައިންނާއި ފުލުހުންނާއި ކަމާ ބެހޭ މިނިސްޓްރީތަކާ ގުޅިގެން އެ ކުދިންނަށް ޕްރޮގްރާމެއް ހިންގާ ގޮތަށެވެ.
އެތަން ތަރައްގީ ކުރަން ފުރަތަމަ ނިންމީ ދ. ވާނީގަ އެވެ. ނަމަވެސް މިހާރު ވަނީ އެ ތަން އުތުރު ތިލަފަޅުގައި ހަދަން ނިންމައިފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން އިއްޔެ ފުރުސަތު ހުޅުވާލި އިއުލާނުގައި ބުނީ އެ މަރުކަޒު ތަރައްގީކުރަނީ 700 ކުދިންނަށް ދިރިއުޅެވޭ ގޮތަށް ކަމަށެވެ.
ކުޑަކުދިން ބަންދުކޮށްގެން ގެންގުޅެވޭނެ ތަންތަނާއި ދިރިއުޅޭނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެތަނުގައި އަޅަން ވަނީ ނިންމައިފަ އެވެ.
ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސްއާ އެކު އަޅާ އެ ތަނުގައި ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރު އަދި ސައިކޯސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ވެސް ހިންގާނެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ރަށުގައި އެ ކުދިން އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށް ފަހު، ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ރަސްމީކޮށް ނަގާނެ ކަމަށެވެ. އެ އަށް ފަހު، ވަކި މުއްދަތަކަށް އެ ހިދުމަތުގައި އުޅެ، އިވެލުއޭޝަނެއް ހަދައި އެ ކުދިން ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަކުރުމަށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުގައި އޮތް އޮތުން މިހާރު ވަނީ 12 އަހަރަށް ދަށްކޮށްފަ އެވެ.