21 އެޕްރީލް 2025 - 10:48

ރ. އިނގުރައިދޫގައި އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާތައް ގިނަވުމުން އެ ބުޅާތައް ފަޅު ރަށަކަށް ގެންދިއުމުގެ މަސައްކަތް ކައުންސިލުން މިއަދު ބުނެފި އެވެ.
އިނގުރައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ފަހަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދެމުން އަންނަ ކަމަށެވެ.
އެހެންވެ، ރައްކާތެރި ގޮތުގައި ބުޅާ ހިފައި ފަޅު ރަށަކަށް ބުޅާތައް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެ ކައުންސިލްގެ އިއުލާނުގައިވެ އެވެ. ބުޅާތައް ގެންދަނީ އެއްވެސް ކައުންސިލެއްގެ އިހުތިސާސްގައި ނުހިމެނޭ ރަށަކަށް ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން ކައުންސިލަށް ކޯޓޭޝަން ހުށަހަޅަން ވާނެ އެވެ. އަދި އަގު ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގެއްގައި ކަމަށް ބުންޏެެވެ.
ބުޅާ ހިފައި ފަޅު ރަށަކަށް ބުޅާ ގެންދަން އިނގުރައިދޫ ކައުންސިލުން އިއުލާނުކުރިއިރު މީގެ ކުރިން ވެސް ބައެއް ރަށްރަށުން ވަނީ މީދަލާއި ބުޅަލުގެ އުނދަގޫ ކުރިމަތިވެގެން މިފަދަ އިއުލާނުތައްކޮށްފަ އެވެ.