16 މާޗް 2017 - 06:07

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ތެރޭގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ވެސް އުޅޭކަން އެންމެންނަށް އެނގުމާ އެކު އެންމެން ބިރުގެންފި އެވެ. ހިމާޔަތް ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރަނީ އެވެ.

ހިމާޔަތް ހޯދުމުގެ ގޮތުން ކުރާ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެފައި ވަނީ އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އަޅައިގެން އުޅުމެވެ. ބޭސް ފިހާރަތަކުން މި ދުވަސްވަރު އެންމެ ގިނައިން ވިކޭ އެކައްޗަކަށް ވެފައި ވަނީ ވެސް މާސްކެވެ. އެކަމަކު މިއިން ހިމާޔަތް ލިބޭ މިންވަރަކާ މެދު ކުރެވޭ ބަހުސް ވަނީ ބޮޑުވެފަ އެވެ.

ސާޖިކަލް މާސްކް، ޑެންޓަލް މާސްކް، މެޑިކަލް ޕްރޮސީޖާ މާސްކް، އައިސޮލޭޝަން މާސްކް ނުވަތަ ލޭޒާ މާސްކް ވެސް ފޭސް މާސްކަށް ކިޔައި އުޅެ އެވެ. އަނގާއި ނޭފަތް ނިވާވާ ގޮތަށް އަޅައި، ފަހަތުން އައްސާލެވޭ ގޮތަށް ނުވަތަ ރަނބަރު ފަށެއް އަޅުވާލެވޭ ގޮތަށް މި ހުރެ އެވެ.
މިއީ ފޭސް މާސްކުން ލިބޭ ހިމާޔަތާއި މާސްކް އަޅަންވީ ގޮތާ ބެހޭ ގޮތުން ވެބްއެމްޑީގައި ޝާއިއުކޮށްފައިވާ ބައެއް މައުލޫމާތެވެ.
- ރައްކާތެރިކަން ލިބޭކަން ސާބިތުވާ މާގިނަ ހެއްކެއް ނެތެވެ. އެކަމަކު އެޗް1އެން1 ސްވައިން ފްލޫއިން ހިމާޔަތް ހޯދުމަށް މާސްކުން ކޮންމެވެސް ވަރަކަށް އެހީތެރިވޭ ކަމަށް ބުނާ ބައެއް ހޯދުންތައް އެބަހުއްޓެވެ.
- އެއް ދިރާސާގައެއްގައި ބުނެފައިވާ ގޮތުގައި، ބަލި ޖެހިފައިވާ މީހަކު ގޭގައި އުޅޭ ނަމަ، ގޭގައި ދެން އުޅޭ މީހުން ރަނގަޅަށް މާސްކް އަޅައި ބަލި މީހާއާ ގައިގޯޅި ނުވެ އަދި އާންމުކޮށް އަތް ދޮންނަ ނަމަ އެ މީހަކު ބަލިން ސަލާމަތްވުމަށް 60-80 ޕަސެންޓް ޗާންސް އޮވެ އެވެ.
- ސާޖިކަލް މާސްކް އަށް ވުރެ އެން95 މާސްކް (ރެސްޕިރޭޓާސް) އިން ލިބޭ ހިމާޔަތް މާ ބޮޑެވެ. ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އެޗް1އެން1 ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑީ ތެތްކަން އެކުލެވޭ ބޮޑު ކުޅު ތިއްކެއް ނުވަތަ އެފަދަ ތެތް ކަމެއްގެ ސަބަބުންނެވެ. މާ ކުޑަ ތިއްކަކުން ބަލި ފެތުރުން ނާދިރު ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ. ކޮންމެ މާސްކަކުން ވެސް، ބޮޑެތި ތިކިތަކުން ސަލާމަތްކޮށްދޭނެ އެވެ. އަދި އެން95 މާސްކުން ވަރަށް ކުދި ތިކިތަކުން ވެސް ސަލާމަތްކޮށްދޭނެ އެވެ.
- ދިރާސާތަކުން ދައްކަނީ ގޭތެރޭގައި އަދި ބޭރުގައި އުޅޭއިރު މާސްކް އަޅާ މީހުން ވެސް، އެއިން ހިމާޔަތް ލިބޭ އެންމެ ރަނގަޅު ގޮތުގައި އެ ބޭނުން ނުކުރުން ވަރަށް އާންމު ކަމަށެވެ.
- ބަލި މީހަކާ ކައިރީގައި އުޅެންޖެހޭ ނަމަ ފޭސް މާސްކް އަޅާށެވެ. ރަނގަޅީ އެން95 ރެސްޕިރޭޓާ އެވެ. ބަލި މީހަކާ ކައިރީގައި އުޅުން ކަމަށް ބަލަނީ ހަ ފޫޓަށް ވުރެ ކައިރިވާ ނަމަ އެވެ.
- ބަލި މީހެއްގެ ގައިގައި އަތްލައި އެހީތެރިކަން ދޭންޖެހޭ ނަމަ އަޅަންވާނީ އެން95 ރެސްޕިރޭޓާ އެވެ.
- ރޯގާ ޖެހިފައި ހުރި ނަމަ، އެހެން މީހުންގެ ތެރެއަށް ނިކުމެ އުޅޭއިރު މާސްކް އަޅާށެވެ.
- ރޯގާ ޖެހިފައި ހުރި މީހަކު ގޭގައި އުޅޭ ނަމަ، ގޭގައި އުޅޭ ބަލި ނޫން މީހުން އެހެން މީހުންގެ ކައިރިއަށް ދާއިރު މާސްކް އަޅާށެވެ. އެއީ ބަލީގެ އަލާމާތެއް ނުފެނި ވެސް ވައިރަސް ހުރެދާނެ ކަމަށް ބަލައިފަ އެވެ.
- އެޗް1އެން1 އާންމުވެފައިވާ ނަމަ، މީހުން ގިނަ ތަންތަނަށް ގޮސް އުޅޭއިރު މާސްކް އަޅައިގެން ހުރުން ރަނގަޅެވެ.
ސްވައިން ފްލޫއިން ސަލާމަތްވުމަށް ބޭނުންކުރާ ހަމައެކަނި އެއްޗަކީ މާސްކް ކަމަށް ނުހަދާށެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ބަލި މީހުން ކައިރިއަށް ނުދިއުމާއި ގިނައިން އަތް ދޮވުން އެދެވިގެންވެ އެވެ. އަދި ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކޮށް އެހެން މީހުންގެ ރައްކާތެރިކަމަށް އިސްކަން ދޭށެވެ.
- މާސްކް އެޅުމުގެ ކުރިން ރަނގަޅަށް އަތް ދޮންނާށެވެ.
- މާސްކް އަޅާއިރު ނުވަތަ އަޅައިގެން ހުންނައިރު އަދި ނެގުމަށް ފަހު ވެސް މާސްކުގެ ބޭރު ފުށުގައި އަތް ނުހާކާށެވެ.
- ޑިސްޕޮސަބްލް މާސްކަކީ އެއްފަހަރު ބޭނުންކުރަން ހުންނަ އެއްޗެއްކަން ހަނދާންކުރާށެވެ. އޭގެ މާސްކް މަރާމާތުކޮށްގެންނާއި އެކި ގޮތްގޮތަށް ހަދައިގެން ގިނައިރު ބޭނުން ނުކުރާށެވެ. އެއްފަހަރު ބޭނުންކޮށްފައި ނައްތާލާށެވެ. ބޭނުންކޮށްފައި އޮންނަ މާސްކެއް އެހެން ތަނެއްގައި ނުޖައްސާށެވެ.
- މާސްކް ނެގުމަށް ފަހު ވެސް ރަނގަޅަށް އަތް ދޮންނާށެވެ.
- ފޮތިން ހަދާފައި ހުންނަ މާސްކް ދޮވެގެން އަލުން ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެކަމަކު މިގޮތަށް ދޮންނަ ނަމަ އާދައިގެ ދޮންނަ ކުނޑި ބޭނުންކޮށްގެން ދޮވެ، ހޫނުން ހިއްކާށެވެ.