21 އެޕްރީލް 2025 - 06:04

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ސައޫދީއަރަބިއްޔާ އަށް ވަޑައިގަންނަވާނެ އެވެ.
މޯދީ ސައޫދީއަށް ކުރައްވާ ތިން ވަނަ ދަތުރުގައި ސްޓްރެޓެޖިކް ގޮތުން ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ އެކު ކުރައްވަން ހަމަޖެހިފައި ވާއިރު ހަކަތައިގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް ވެސް ކުރައްވާނެ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވި އެވެ.
މޯދީގެ ދެ ދުވަހުގެ ދަތުރުގައި ޖިއްދާގައި މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ދެ ބޭފުޅުން ބައިލެޓްރަލް މަޝްވަރާތައް ބޭއްވުމާއި ސައޫދީ-އިންޑިއާ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލްގެ ދެވަނަ ބައްދަލުވުމުގެ ކޯ ޗެއާކަން ވެސް ކުރައްވާނެ އެވެ.
"މި ދަތުރަކީ އިންޑިއާގެ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ސައޫދީ އަރަބިއްޔާގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ތީ ވެސް މުހިންމު ދަތުރެއް... ސައޫދީ އަރަބިއްޔާއަކީ އިސްލާމީ ދުނިޔޭގައި އެންމެ އިސްކޮށް އަޑުއުފުލާ ގައުމަށް ވާއިރު، ސަރަހައްދީ ކަންކަމުގައި ސައޫދީ އަރަބިއްޔާއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުން،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ސައޫދީ-އިންޑިއާ ވިޔަފާރި 2023-24 ގައި ގާތްގަނޑަކަށް 43 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އިންޑިއާ އަކީ ވިޔަފާރީގައި ސައޫދީގެ ދެވަނަ އަށް އެންމެ ބޮޑު ބައިވެރިޔާ އެވެ. ސައުދީ އަރަބިއްޔާ އޮތީ އިންޑިއާގެ ފަސް ވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ ގޮތުގަ އެވެ.