20 އެޕްރީލް 2025 - 17:22

ސަރުކާރުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދޭން، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ހާއްސަ ވަޓްސްއެޕް ޗެނަލެއް އުފައްދައިފި އެވެ.
ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް މިހާރު އުފައްދާފައިވާ ކަމަށެވެ.
އެ ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ދުވަހުން ދުވަހަށް ފޯރުކޮށްދެވެމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވަނީ، އެ ވަޓްސްއެޕް ޗެނަލްއާ ގުޅުމުގެ ދައުވަތު ދެއްވައިފަ އެވެ.
ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭން ރައީސް ގެންދަވަނީ ހާއްސަކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓުފޯމުތަކުގެ ވެސް ބޭނުން ހިއްޕަވަމުންނެވެ.
މީގެ އިތުރުން، "ރައްޔިތުންނާ އެކު"ގެ ނަމުގައި މި ފަހުން ވަނީ ޕޮޑްކާސްޓެއް ވެސް ފައްޓަވައިފަ އެވެ. ވަކިވަކި ދާއިރާތަކަށް ހާއްސަ ކުރައްވައިގެން ގެނެސްދޭ ޕޮޑްކާސްޓު މެދުވެރިކުރައްވައިގެން ވެސް ރައީސް ގެންދަވަނީ އެ ދާއިރާއަކާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ތަސައްވުރާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރައްވަމުންނެވެ.