ސްވައިން ފްލޫއާ ގުޅިގެން އޮޑިޓް އޮފީހުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި
ސްވައިން ފްލޫއާ ގުޅިގެން އޮޑިޓް އޮފީހުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި

ރާއްޖޭގައި މި ދުވަސްކޮޅު ހުމާއި އަރިދަފުސް ރޯގާ އާއި ސްވައިން ފްލޫގެ ހަލުވިކަމާ އެކު ފެތުރެމުންދާތީ އޮޑިޓް އޮފީހުގެ މާބަނޑު މުވައްޒަފުން އޮފީހަށް ނުކުންނަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވައިރަލް ހުމާއި ރޯގާ އަދި ސްވައިން ފްލޫ ހަލުވިކަމާ އެކު ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފައިވަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. އެކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އެ ތަނުގެ މާބަނޑު މުވައްޒަފުން މި ދުވަސްވަރު އޮފީހަށް ނިކުންނަން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެ އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސީ މާބަނޑު މީހުންނަކީ އެ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުން ކަމަށްވާތީ އެ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ. ހުމުގެ ކަންކަން ހަމައަކަށް އެޅެންދެން އެ އޮފީހުގެ މާބަނޑު މުވައްޒަފުން އޮފީހަށް ނިކުންނަން ނުޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

"އެގޮތަށް ހަމަޖެއްސުމުން އެ މުވައްޒަފުން ގޭގައި ތިއްބަސް އެ ދުވަސްތަކަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް މަދުނުވެ، އޮފީހުން އެ ބައި ހަމަޖައްސައިދޭނެ. ފަހެއް ނޫނީ ހަތް މުވައްޒަފުން އުޅޭނެ މާބަނޑު މުވައްޒަފުން. އެހެންވެ އޮޑިޓާ ޖެނެރަލްގެ ނިންމެވުމަކަށް އެ ގޮތަށް ހަމަޖެއްސީ" އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލްތަކުން ބާއްވާ އިތުރު ހަރަކާތްތަކާއި ގައުމީ ފުޓްބޯޅަ މުބާރާތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.