ދިރާގު "ފުވައްމުލައް ރަން" ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ
ދިރާގު "ފުވައްމުލައް ރަން" ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ

ދިރާގު ފުވައްމުލައް ރަން (ޑީއެފްއާރް)ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.

މިއަދާއި މާދަމާ ބިބް އަދި ރޭސް ކިޓު ދޫކުރާނީ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުންނެވެ. މިއަދު ބިބް އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. މާދަމާ އެ އެކްސްޕޯ ކުރިއަށް ދާނީ ހެނދުނު 9 އިން މެންދުރު 12 އަށާއި މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

މި ދެ ދުވަހަށް ފަހު، ދުވުން ބާއްވާ ފުވައްމުލަކުގައި މި މަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު އެ ރަށު ސިޓީ ކައުންސިލްގައި ބިބް އެކްސްޕޯ ކުރިއަށް ދާނެ އެވެ. އެ ދެ ދުވަހު އެ ރަށުގައި އެ އެކްސްޕޯ ކުރިއަށް ދާނީ ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު ފަހު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

ދިރާގުން ދުވުމަށް ދޫކުރާ ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. ދިރާގުން ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑު (ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ. ދިރާގު ރޯޑް ރޭހުގެ ދަށުން ބައްވާ ފުވައްމުލައް ރަން ވެސް މިހާރު ވަނީ އެއިމްސްގެ ކަލަންޑަރުގައި ލިސްޓުކޮށްފަ އެވެ. މި ދުވުން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.