19 އެޕްރީލް 2025 - 12:40

ހދ. ކުޅުދުއްފުށީ ކައިރިއަށް މިއަދު މަސްހިފަން މޫދަށް ފައިބައި އުޅުނު އެ ރަށު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގައި ޒަހަމްވީ އާންމުކޮށް މަސްހިފަން ގޮސްއުޅޭ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުޅުދުއްފުށިން ވާހަކަދެއްކި މީހަކު ޒަހަމްވި މީހާ އާއި އިތުރު ބަޔަކު މަސްހިފަން މޫދަށް ފޭބީ މިއަދު ވަރަށް ހެނދުނު އެ ރަށު ކުނިކޮއްޓާ ދިމާލުން ބޭރަށް ކަމަށެވެ. މިޔަރު ހަމަލާދިނީ އެ މީހާ ފެންމަތީގައި އޮއްވައި ކަމަށް އޭނާ ބުންޏެވެ.
މިޔަރު ހަމަލާދީފައި ވަނީ އޭނާގެ ކަނާތު ކޮނޑަށެވެ. ކޮނޑުގެ ތިރިން އަތުގެ ބޮޑު ބައެއް ވެސް އޮތީ މިޔަރު ދަތްއެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި ފަރުވާދީ ލޭ މަނާކުރެވިފައިވާ ކަމަށެވެ.
"ކޮނޑުހުޅުން ނެއްޓިފައި އިން ބައި ވެސް މިހާރު ވަނީ ހުޅަށް އަލުން ލައްވާފައި. ބްލީޑިން ވެސް ހުއްޓިއްޖެ،" އެ ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިދިޔަ އަހަރު އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދިގެން މަރު ވެސް ވި އެވެ.