އެމްބާޕޭގެ ހިއްސާ އޮންނަ ކްލަބް ރެލިގޭޓްވެއްޖެ
އެމްބާޕޭގެ ހިއްސާ އޮންނަ ކްލަބް ރެލިގޭޓްވެއްޖެ

ކާއެން (އޭޕްރީލް 19) - ފްރާންސް އާއި ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭގެ މެޖޯރިޓީ ހިއްސާ އޮންނަ ފްރާންސްގެ ފުޓްބޯޅަ ކްލަބް ކާއެން، ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެ އެވެ.

ލީގުގެ ފުލުގައި ނިންމާލި ޓީމަށް މި ސީޒަންގައި މޮޅު ވެވުނީ އެންމެ ފަސް މެޗުންނެވެ. އެ ޓީމު 1984 ގެ ފަހުން ފުރަތަމަ ފަހަރަށް ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް މިވީ އެމްބާޕޭގެ އޯނާޝިޕަށް އަހަރެއް ނުވަނީހެވެ. އޭނާ ވަނީ ކާއެންގެ 80 ޕަސެންޓް ހިއްސާ ގަންނަން 15 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ.

މިއީ އެމްބާޕޭ އަށް ހިތްދަތި ހަތުފާއެކެވެ. އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑް ވަނީ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކަޓައިިފަ އެވެ.

އެމްބާޕޭ ކާއެންއާ ހަވާލު ވުމަށް ފަހު މިދިޔަ ޑިސެމްބަރު ކޯޗު މަގާމުން ދުރުކުރުމުން ސަޕޯޓަރުން ހިތްހަމަނުޖެހުނެވެ. އެ ކޯޗު ޖީން-ނޮއެލް ސަބެޒަސް އަކީ ކްލަބުގެ ލެޖެންޑެކެވެ. ކާއެންގެ މިހާރުގެ ކޯޗު، އަރްމީނިއާގެ މައިކަލް ޑާ ޒަކަރިއަންއާ މަގާމު ހަވާލު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ.

ކާއެން ވަނީ ފްރާންސްގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަންގައި ޖެހިޖެހިގެން 41 ސީޒަން ކުޅެފަ އެވެ. އޭގެ ތެރޭން 18 ސީޒަން އެއް ވަނަ ޑިވިޝަންގައި ކުޅުނު އިރު، އެއް ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވެސް ކުޅެފައިވެ އެވެ.

ކާއެން ވަނީ ޔޫރަޕްގެ ފުޓްބޯޅައަށް ގިނަ ކުޅުންތެރިންތަކެއް ނެރެދީފަ އެވެ. އޭގެތެރޭގައި ވިލިއަމް ގަލަސް އާއި އެންގޯލޯ ކާންޓޭ އަދި ތޯމަސް ލެމާ ހިމެނެ އެވެ. އެމްބާޕޭ ވަނީ މޮނާކޯ އަށް ބަދަލު ވުމުގެ ކުރިން ކާއެންގެ ޒުވާން ޓީމުގައި ކުޅެފަ އެވެ.