18 އެޕްރީލް 2025 - 22:20

ކ. އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން މިއަދު ފެނުނު ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނިގޮތުގައި ކިނބޫ މިހާރު ވަނީ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ.
މިދިޔަ އަހަރުގެ ވެސް ފެބްރުއަރީ ހިސާބުގައި ވަނީ ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ. އެ ކިނބޫ ފެނުނީ ރަށަށް ދަތުރު ދިޔަ ބަޔަކަށެވެ.
ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެ އަށް ނާދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލަ އެވެ.