18 އެޕްރީލް 2025 - 16:56

ކ. އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން ކިނބުލެއް ފެނިގެން އެ ހިފުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ.
އެ ވީޑިއޯއާ ގުޅިގެން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ އެ ހިފުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
މިދިޔަ އަހަރުގެ ވެސް ފެބްރުއަރީ ހިސާބުގައި ވަނީ ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ. އެ ކިނބޫ ފެނުނީ ރަށަށް ދަތުރު ދިޔަ ބަޔަކަށެވެ.
ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެ އަށް ނާދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލަ އެވެ.