18 އެޕްރީލް 2025 - 16:11

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ ހެނދުނު 7:23 ހާއިރު ކަމަށެވެ.
ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެކަމަކު އޭނާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމާއި ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރި އެވެ.
އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު، އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ތަނުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.
އެކަމަކު ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އެ މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލާއި ހާލު ސާފެއް ނޫނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.