18 އެޕްރީލް 2025 - 00:18

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް މުހައްމަދު ފައިސަލް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ އެ ކޮމިޝަނުން މިރޭ ބޭއްވި ޖަލްސާގަ އެވެ.
ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ، އެ ޒިންމާތައް އުފުއްލަވަމުން ގެންދެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް މިދިޔަ މަހު އައްޔަންކުރެއްވުމުންނެވެ. އޭގެ ފަހުން ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ހުންނެވީ ވެސް ފައިސަލްއާ އެވެ.
ގާނޫނީ ދާއިރާގައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފައިސަލް ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ. ވަކީލެއްގެ ގޮތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ފައިސަލް ހައި ކޯޓަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ.