17 އެޕްރީލް 2025 - 21:06

ޅ. ނައިފަރުގައި އަމިއްލަ މީހަކު ހިންގާ ގުރުއާން ކްލާސް ތަރައްގީކުރަން އިސްލާމިކް ވަގުފު ފަންޑުން އެހީ ދިނުމުގެ އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.
ގިނަ ހާފިޒުންތަކެއް ގްރެޖުއޭޓުވި ގްރުއާން ކްލާހުގައި އިތުރު ކްލާސްރޫމު އަޅައި ވަސީލަތްތައް ގާއިމްކޮށް "ޝެއިހު ނާޒިލް އިންސްޓިޓިއުޓު" ވަރުގަދަކުރުމުގެ އެއްބަސްވުމުގައި ޑެޕިއުޓީ މިނިސްޓަރު ޝެއިހު މުތީއު އިސްމާއިލް އަދި އެ އިންސްޓިޓިއުޓުގެ ފައުންޑަރު އަހުމަދު ނާޒިލް މުހައްމަދު ވަނީ ސޮއިކުރައްވައިފަ އެވެ.
މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު ހާފިޒްކަމުގެ ސަނަދު ހާސިލްކުރި ނާޒިލް "މިހާރު"އަށް ބުނީ އޭނާ ގުރުއާން ކިޔަވައިދެނީ، މީހެއްގެ ގުރުއާން ސެންޓަރުން ކްލާހެއް ނަގައިގެން ހަވީރު 3:45 އިން 6:00 އަށް ކަމަށެވެ.
ނަމަވެސް، އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތުން އެ އިމާރާތް ދޫކޮށްލަން އުޅޭތީ ނާޒިލްގެ 38 ދަރިވަރުންނަށް ވެސް ކިޔަވައިދެވޭނެ އެހެން ގޮތެއް ނޯންނާނެތީ އެކަމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އޭނާ އެދުނީ އެވެ. އެއާއެކު، މިނިސްޓްރީން ވަނީ ނާޒިލް އިންސްޓިޓިއުޓު އުފެއްދުމަށް ވަގުފު ފަންޑުން ތިން ލައްކަ ރުފިޔާގެ އެހީ ދިނުމަށް ނިންމައިފަ އެވެ.
ނާޒިލް ބުނީ ދެ ކްލާސްރޫމާއި ސްޓާފްރޫމާއި ތިން ފާހަނާއާއެކު އެ އިންސްޓިޓިއުޓު ހަދާނީ އޭނާގެ ބައްޕަގެ ގޭގެ ތިރީ ފްލޯގަ އެވެ. އެ ތަނުގެ ސްޓްރަކްޗާ މިހާރު ހުރީ ނިންމައިފަ އެވެ. އިމާރާތް އެއްކޮށް ރާނައި ފިނިޝިންނަށް ޖުމްލަ ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ލަފާކުރެ އެވެ. ހެޔޮއެދޭ ފަރާތްތަކުން ވަނީ ބާކީ ދެ ލައްކަ ރުފިޔާ ވެސް ހަމަޖައްސައިދީފަ އެވެ.
އެހެންވެ، އެ މަސައްކަތްތައް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
އާ އިމާރާތާއެކު ގިނަ ދަރިވަރުންނަށް ހިފްޒު ކްލާހުން ޖާގަ ދެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި މިނިސްޓްރީއާއެކު ވެފައިވާ އެގްރިމެންޓުން 10 ޕަސެންޓު ކުދިންނަށް ހިލޭ ކިޔަވައިދޭން ޖެހެ އެވެ.
"ފަސް އަހަރަށް ޕްލޭންކޮށްފައި އިނީ 80 ކުދިންނަށް ޖާގަ ދެވޭނެ ކަމަށް." އެ ރަށު ކޯޓުގައި ލީގަލް އޮފިސަރަކަށް މަސައްކަތްކުރާ ނާޒިލް ބުންޏެވެ.
އެ އިންސްޓިޓިއުޓު ނިންމައި ހުޅުވަން ވާއިރަށް ކިޔަވައިދޭނެ މުގައްރަރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން، ގްރޭޑު 1 އިން ފަށައިގެން ގްރޭޑު 7-8 އަށް ދާއިރު ހިފްޒުކޮށް ނިމޭނެ ކަމަށް އޭނާ ބުންޏެވެ.
ނާޒިލްގެ ގުރުއާން ކްލާހުން ނުވަ ހާފިޒުން މިހާރު ވަނީ އުފައްދައިފަ އެވެ. އަދި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް އެ އިންސްޓިޓިއުޓުން އިތުރު އަށް ދަރިވަރުން ހިފްޒުކޮށް ނިންމާލެވޭނެ ކަމަށް ނާޒިލް ބުންޏެވެ.