17 އެޕްރީލް 2025 - 09:56

ހދ. މަކުނުދޫގައި ކުޑަކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅިގެން ފިހިއްޖެ އެވެ.
އުމުރުން އެންމެ 8 މަހުގެ ފިރިހެން ކުއްޖާގެ ބައްޕަ "މިހާރު" އަށް މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އެ ކުއްޖާގެ ގަޔަށް ފެން އެޅުނީ ސައިކުރާ ބަހައްޓާފައި ހުރި ތުވާލިކޮޅުގެ ރޮދިކޮޅަށް ދަމާލުމުން އެ ކުރާ ވެއްޓި ގަޔަށް ހޫނު ފެން އެޅިގެން ކަމަށެވެ.
އޭރު އެ ކުއްޖާގެ މަންމަ ހުރީ ބަދިގޭގެ މަސައްކަތެއްގަ އެވެ. ކުއްޖާ ބައިންދާފައި އިނީ ކައިރީގައި، ކޮއްޓެއްގަ އެވެ.
އާއިލާއިން ބުނީ، އެ ކުއްޖާގެ ގަޔަށް ހޫނުފެން އެޅުމާ އެކު 10 މިނިޓުގެ ތެރޭގައި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
އެކަމަކު، އެ ތަނަށް ދިއުމާ އެކު މަލަން އަޅައި، ފިހިފައި ހުރި ތަން ބައްދައި ގެއަށް ފޮނުވާލީ ކަމަށް އާއިލާ އިން ބުންޏެވެ.
"ރޭގަނޑު ބޭބީ ނިދާފައި އޮއްވައި މަލަން އަޅާފައި ހުރި ތަން ނައްޓާފައި ބަލައިލިއިރު އެބަހުރި ވަރަށް ބޮޑުވަރު ވެފައި. އަނެއްކާ ހެލްތު ސެންޓަރަށް ދިޔައީމާ ބުނީ ތިމަންނަމެންނަކަށް ނޭނގެއޭ ތިވަރު ވެފައި ހުރި ކަމެއް،" ކުއްޖާގެ ބައްޕަ ބުންޏެވެ.
"ކުޅުދުއްފުއްޓަށް ފޮނުވަން ބަލާލިއިރު އާރުޓީއެލް އިން ޖާގަ ލިބޭކަށް ނެތް އަވަހަކަށް. އަނެއްކާ ފަހުން މި ބުނަނީ އާސަންދައިން ފޮނުވޭކަށް ނެތޭ."
އާސަންދައިން ދަތުރު ހަމަނުޖެއްސުމުން، އާއިލާއިން އަމިއްލަ ހަރަދުގައި އިއްޔެ ވަނީ މާލެ އައިސްފަ އެވެ.
މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން އެނގުނީ 5-6 ޕަސެންޓު ފިހިފައިވާ ކަމެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފިހިގެން 8 މަހުގެ ފިރިހެން ކުއްޖަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.