15 މާޗް 2017 - 15:28

ތެލް އަވީވް (މާޗް 15) - ރަސްމީ މޮޓޯކޭޓެއްގައި ދަތުރުކޮށްފައި ދަނިކޮށް އަނބިކަނބަލުން ހިތްހަމަނުޖެހިގެން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކާރުން ބޭރުކޮށްލި ކަމަށް ނޫސްވެރިއަކު ކުރި ތުހުމަތު ނަތަންޔާހޫ ދޮގު ކުރައްވައިފި އެވެ.

އިޒްރޭލުގެ ނޫސްވެރިޔާ އީގަލް ސަރްނާގެ ފޭސްބުކުގައި މީގެ ދެ އަހަރު ކުރިން ލިޔެފައިވާ ގޮތުގައި ސާރާ ނަތަންޔާހޫ ވަނީ ހައިވޭއެއްގައި ދަތުރުކޮށްފައި ދިޔަ ނަތަންޔާހޫގެ ފްލީޓް ހުއްޓުވާ ނަތަންޔާހޫ ކާރުން ބޭރަށް ނެރެފަ އެވެ. އިޒްރޭލުގެ ޔެދިއޮޓް އަހަރޮނޮޓް ނޫހުގައި މަސައްކަތް ކުރާ ނޫސްވެރިޔާ ބުނެފައި ވަނީ ނަތަންޔާހޫގެ މޮޓޯކޭޓް ހުއްޓުވާފައި ވަނީ ތެލް އަވީވް- ޖެރޫސަލް ހައިވޭގައި ކަމަށެވެ.
ނޫސްވެރިޔާ ފޭސްބުކުގައި ލިޔެފައި ވަނީ ދޮގެއްކަން ސާބިތުކޮށްދޭން ނަތަންޔާހޫ ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. އަދި ބަދަލެއްގެ ގޮތުން 76،400 ޑޮލަރު ހޯދަން ވަނީ ދައުވާ ކޮށްފަ އެވެ. ނަތަންޔާހޫ ކޯޓުގައި ވިދާޅުވެފައިވާ ކަމަށް އިޒްރޭލުގެ ނޫހެއްގައި ރިޕޯޓްކޮށްފައި ވަނީ މޮޓޯކޭޑުގެ ސެކިއުރިޓީ އެނގޭ ކޮންމެ މީހަކަށް ވެސް އެއީ ވެދާނެ ކަމެއް ނޫންކަން ގަބޫލް ކުރާނެ ކަމަށެވެ.
ނޫސްވެރިޔާ ސަރްނާ ބުނީ ނަތަންޔާހޫ ކާރުން ބޭރު ކުރި ވާހަކަ އަކީ ތެދެއް ކަމަށާއި އޭނާ އެ ވާހަކަ ލިޔެފައި ވަނީ ވަރަށް އިތުބާރު ހިފޭ ބަޔަކު ދިން މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
ސަރުނާގެ ވަކީލް ކޯޓުގައި ވަނީ ނަތަންޔާހޫގެ ދެމަފިރިންނާ ގުޅޭ ގޮތުން އެހެން ނޫސްވެރިން ލިޔާ ތެދު ނޫން ވާހަކަތަކަށް ދައުވާ ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ. ރައްދުގައި ސާރާ ވިދާޅުވެފައި ވަނީ އެ ގޮތަށް މައްސަލަ ޖައްސަން ވެއްޖެ ނަމަ ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު، ކޮންމެ މިނިޓަކު މައްސަލަ ޖައްސަން ޖެހޭނެ ކަމަށެވެ.