16 އެޕްރީލް 2025 - 14:12

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު އޮޑިޓު ކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ ސްކޫލުން އެ ކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށް މިއަދު ބުނެފި އެވެ.

އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގާ ސްކޫލެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް މީހުން ސުވާލު އުފައްދާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހު އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލު އޮޑިޓު ކޮށްދިނުމަށް މީގެ ދެ އަހަރު ކުރިން ވެސް ސީދާ އޭނާ އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެއީ ސީދާ ސަރުކާރު ބައިވެރިވެގެން ހިންގާ ތަނަކަށް ނުވާތީ އެކަން ކުރެވޭނެ މަގު އޭރު ފަހިނުވި ކަމަށް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ މިހާރު ވެސް، 2،400 ކުދިން ކިޔަވަމުން އަންނަ ސްކޫލު، އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެން ދޭތެރެ ދޭތެރެއިން އޮޑިޓު ކުރާކަމަށެވެ. މި ފަހަރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދުނީ، އެ ސްކޫލުން ބަޔަކާ ހަވާލުކޮށް އަންނަ މަހު އޮޑިޓުކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ރަޝީދު ވިދާޅުވި އެވެ.
ސްކޫލުން ބަޔަކާ ހަވާލު ކޮށްގެން އޮޑިޓެއް ކުރާ ނަމަ ސްކޫލްގެ ބަޖެޓުން ދެލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި އެކަމަކު، ސަރުކާރުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން އެކަން ކުރުމަކީ ވަރަށް ބޮޑު ލުޔަކަށް ވާތީ މަރުހަބާ ވެސް ކިޔާ ކަމެއް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ނަމަވެސް، އަހުމަދިއްޔާއަށް އެކަނި ސީދާ ޓާގެޓުކުރުމަކީ ރަނގަޅަށް ހިނގަމުންދާ ތަނެއްގެ އަގު ވައްޓާލުން ކަމަށް ސިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.
ރަޝީދު ވިދާޅުވިގޮތުގައި، އެ ސްކޫލުން މިހާރު ވެސް ފީ ނަގަނީ އަމިއްލަ އެހެން ސްކޫލުތަކަށް ވުރެ ކުޑަކޮށެވެ. އަދި ލިބޭ ފައިސާ އިން ހަރަދުކުރަނީ ހަމަ އެ ސްކޫލުގެ ތަރައްގީ އަށް ކަން އޭނާ ފާހަގަކުރެއްވި އެވެ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ އަހުމަދިއްޔާގެ ގޯތިތެރޭގައި މިހާރު ހަދަމުން އަންނަ 10 ބުރީގެ އާ އިމާރާތެވެ.
އެ އިމާރާތް އެއްކޮށް ނިންމައި، މި އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް އަހުމަދިއްޔާ އިން ބުންޏެވެ.
"ލިބޭ ފައިދާ ބަހާ ތަނެއް ނޫން އަހުމަދިއްޔާއަކީ،" ރަޝީދު ވިދާޅުވި އެވެ.
އޭ ލެވެލް ހަދާ ކުދިންނަށް މަހެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން 3،600ރ. ދެއްކި އެވެ. ނަމަވެސް، އެ އަދަދު މިހާރު ވަނީ 2،500ރ. އަށް ދަށްކޮށްފަ އެވެ.
ރަޝީދު ވިދާޅުވީ، ބޮޑު ހަރަދެއް ކޮށްގެން ސްކޫލު އިމާރާތެއް އަޅާއިރު އެ ފީ ކުޑަކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ
މާލީ ކަންކަން ވެސް ބަލަހައްޓަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ބޮޑެތި ކަންކަން ނިންމާއިރު، އެ ސްކޫލުގެ ބެލެނިވެރި ފަރާތް، މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނަގާ ކަމަށް ވިދާޅުވި އެވެ.
އަހުމަދިއްޔާގައި އެ ފަދަ ކަންކަން ނިންމަނީ ޕީޓީއޭއާ އާއި އަވަށު އޮފީސް އަދި ސްކޫލުގެ ކޮންމެ ކީ ސްޓޭޖަކުން މީހަކު ހިމެނޭ ގޮތަށް އުފައްދާފައިވާ ވަކި ބޯޑަކުންނެވެ.