16 އެޕްރީލް 2025 - 11:23

ކިޑްނީ ބަލީގެ މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތަށް ނ. ވެލިދޫގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި އެވެ.
ޑައިލިސިސް ހަދަން ޖެހޭ މީހުން ގިނަ ވެލިދޫގައި ހިދުމަތް ފެށުމުގެ ގޮތުން، ހެލްތު ސެންޓަރުގައި ދެ މީހެއްގެ ޑައިލިސިސް ވަނީ ހަދައިފަ އެވެ. މިހާރު ވެސް އެ އަތޮޅު މަނަދޫގައި އެ ހިދުމަތް ދެ އެވެ.
ވެލިދޫ ހެލްތު ސެންޓަރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އާމިނަތު ރުއުފާ "މިހާރު"އަށް ވިދާޅުވީ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަންޖެހޭ ހަ މީހުން އެ ރަށުގައި އެބަތިބި ކަމަށެވެ. ނަމަވެސް، ފަސޭހައިން އެ ހިދުމަތް ލިބެން ނެތުމުން ގިނަ އާއިލާތައް ވަނީ މާލެ އާއި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ރުއުފާ ވިދާޅުވީ އިއްޔެ ޑައިލިސިސް ފެށީ އެ ހިދުމަތަށް މާލޭގައި ދިރިއުޅެމުން ދިޔަ އެއް އާއިލާ ރަށަށް ބަދަލުވުމުންނެވެ.
އެ ހެލްތު ސެންޓަރުގައި އެއްފަހަރާ ދެ މީހުންނަށް ޑައިލިސިސް ހެދޭނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވެލިދޫގައި އިއްޔެ ޑައިލިސިސް ހަދަން ފެށުމުން މާލެ ފިޔަވައި 15 ރަށަކުން އެ ހިދުމަތް ލިބޭނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ އަތޮޅަކަށް ޑައިލިސިސްގެ ހިދުމަތް ފުޅާކުރާށެވެ. އެ އަމާޒުގެ ދަށުން ހއ. އިހަވަންދޫގައި މިދިޔަ މަހު އެކަން ފަށާފައިވެ އެވެ.
ތ. ވޭމަންޑޫގައި ވެސް މި މަހުގެ ތެރޭގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެހެންވެ، އެ ހިދުމަތް މިހާރު ނުފެށި އޮތީ ހަ އަތޮޅެއްގަ އެވެ. އެއީ، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅެވެ.
މި ދައުރުގެ ތެރޭގައި އެ ހުރިހާ އަތޮޅެއްގައި ވެސް ޑައިލިސިސްގެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.