"ޕަދްމާވަތީ" ގެ ސެޓަށް އަނެއްކާވެސް ގެއްލުން ދީފި
"ޕަދްމާވަތީ" ގެ ސެޓަށް އަނެއްކާވެސް ގެއްލުން ދީފި

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ބޮޑު ބަޖެޓް ފިލްމު "ޕަދްމާވަތީ" އަށް އަނެއްކާވެސް މައްސަލަ ތަކަކާ ކުރިމަތިވެއްޖެ އެވެ. ކޯލާޕޫރުގައި ތައްޔާރުކޮށްފައިވާ މި ފިލްމުގެ ސެޓަށް ބަޔަކު ގެއްލުންދީ ރޯކޮށްލުމުގެ ސަބަބުން އެ ތަން ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

"ޕަދްމާވަތީ" ގެ ސެޓަށް އަނެއްކާވެސް ގެއްލުން ދީފި
"ޕަދްމާވަތީ" ގެ ސެޓަށް އަނެއްކާވެސް ގެއްލުން ދީފި

ބާންސާލީ ޕްރޮޑަކްޝަންސްގެ ސީއީއޯ ޝޯބާ ސާންޓް ވަނީ "ޕަދްމާވަތީ" ސެޓުގައި ބަޔަކު ރޯކޮށްލުމުގެ ސަބަބުން އެތަން އެއްކޮށް ހަލާކުވެފައިވާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.

މި ސެޓުގައި ރޯކޮށްލާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ޝޯބާ ބުނި ގޮތުގައި ފިލްމުގައި ބައިވެރިވާ ޖޫނިއާ އާޓިސްޓުންގެ ހެދުންތަކާއި އެނޫންވެސް ފިލްމުގައި ބައިވެރިވާ އާއްމުން ލާ ހެދުންތައް ވެސް ވަނީ އަނދައިފަ އެވެ. ފުލުހުން މިމައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި ރޯވި ސަބަބު އެނގޭނީ ތަހުގީގަށް ފަހު ކަމަށް ޝޯބާ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި ފިލްމުގައި މުހިއްމު ބައިތައް ކުޅޭ ތަރިން ވެސް އެވަގުތު ސެޓަކު ނެތެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް، ޖައިޕޫރުގައި ހުރި "ޕަދްމާވަތީ"ގެ ސެޓަށާއި ފިލްމު ޑައިރެކްޓްކުރާ ސަންޖޭ ލީލާ ބާންސާލީ އަށް ރާޖްޕޫތު ކަރްނީ ސޭނާ ކިޔާ ގްރޫޕެއްގެ ބަޔަކު ހަމަލާދީ ސެޓުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ. އަދި މިކަމާ ދެކޮޅަށް މުޅި އިންޑަސްޓްރީން އަޑު އުފުލި އެވެ.

"ޕަދްމާވަތީ" ގައި އުޅޭ ތަރިންނަކީ ދީޕިކާ ޕަދުކޯން އާއި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް އެވެ. އަދި ސަޕޯޓިން ރޯލަކުން އަދިތީ ރާއޯ ހައިދްރީ ފެންނާނެ އެވެ.

މި ފިލްމު ބިނާ ކޮށްފައި ވަނީ އިންޑިއާގައި ކިޔައިއުޅޭ ކުރީ ޒަމާނުގެ ފޯކްލޯއެއް ކަމަށްވާ "ރާނީ ޕަދްމާވަތީ"ގެ މައްޗަށެވެ. ކުރީ ފަހަރު މި ފިލްމުގެ ސެޓަށް ގެއްލުން ދިނީ ދީޕިކާގެ ކެރެކްޓާ ގެނެސްދޭ ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.