16 އެޕްރީލް 2025 - 08:27

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން އެސްޓަން ވިލާ އަތުން 3-2 އިން ބަލިވި ނަމަވެސް، ޕީއެސްޖީން، އަދި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން ބަލިވި ނަމަވެސް ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

ޕީއެސްޖީ އަށް ކުރި ލިބުނީ ރޭ ބަލިވި ނަމަވެސް ފުރަތަމަ ލެގުން 3-1 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން 5-4 އިންނެވެ.

ބާސެލޯނާ އަށް ކުރި ލިބުނީ ރޭ ބަލިވި ނަމަވެސް ފުރަތަމަ ލެގުން 4-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން 5-3 އިންނެވެ.
ވިލާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ގޯލުތައް ޖަހައިދިނީ 11 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ، އަދި 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް އެވެ. އޭގެ ހަތް މިނިޓު ފަހުން ވިލާ އަށް މެޗުގައި އުއްމީދެއް ހޯދައިދިނީ ޔޫރީ ޓީލެމަންސް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
އެސްޓަން ވިލާ އެއްވަރުކުރީ ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ކެޕްޓަން ޖޯން މެގިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ދެ މިނިޓު ތެރޭ އެޓީމު މެޗުން މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ޑިފެންޑަރު އާޒީ ކޮންސާ އެވެ. އިތުރު ގޯލެއް ޖަހަން ވެސް ވިލާ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.
ވިލާގެ ކޯޗު އުނައި އެމެރީ ބުނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭން ކްލަބަކާ ދެކޮޅަށް ފަހަތުން އަރައި މޮޅު ވެވުމުން ކުޅުންތެރިންނާ މެދު ފަހުރުވެރި ވާކަމަށާއި، ދެން އެންމެ މުހިއްމު ކަމަކީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުން ކަމަށެވެ.
ރޭ ބާސެލޯނާ ކޮޅަށް ޑޯޓްމަންޑުގެ ތިން ގޯލު ވެސް ޖަހައިދިނީ ސާހޫ ގިރާސީ އެވެ. ބާސެލޯނާގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ވަނީ، ޑޯޓްމަންޑްގެ ޑިފެންޑަރު ރަމީ ބެންސެބައިނީ އަތުން ބައިކޮޅަށެވެ.
ސެމީ ފައިނަލްގައި ބާސެލޯނާ ކުޅޭނީ ބެޔާން މިއުނިކާއި އިންޓަ މިލާން ބައްދަލުކުރާ ކުއާޓާގައި ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. އަދި ޕީއެސްޖީ ވާދަކުރާނީ ރެއާލް މެޑްރިޑާއި އާސެނަލް ތެރެއިން ސެމީއަށް ހޮވޭ ޓީމެކެވެ.