ފޯނެއްގެ ވެރިފަރާތް ހޯދާނީ ކިހިނެއް؟
ފޯނެއްގެ ވެރިފަރާތް ހޯދާނީ ކިހިނެއް؟

މިފަހަރު ޓެކްނޮލޮޖީގެ ވާހަކައެއް ނުދައްކާނަމެވެ. އޮތީ ސުވާލެކެވެ. މީހެއްގެ ފޯނެއް މަގުމަތީގައި އޮއްވައި ފެނިއްޖެ ނަމަ އެއާ މެދު އަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

ތަފާތު ޖަވާބުތައް ހުންނާނެ އެވެ. ވިއްކާލެވިދާނެ އެވެ. މީހަކަށް ދިނުމަކީ ވެސް ކުރެވިދާނެ ކަމެވެ. ފުލުހުންނާ ހަވާލުރުމަކީ ވެސް އޮތް ގޮތެވެ. ވެރި ފަރާތް ހޯދައި ރައްދުކުރެވޭތޯ ބެލުމަކީ ރީތި އަޚްލާގެވެ.

މި ސުވާލު ކުރިމަތިކުރުމުން އެއްބަޔަކު ބުނީ ފޯނު ވިއްކާލާނީ ކަމަށެވެ. ވެރި ފަރާތް ހޯދައި ރައްދުކުރަން މަސައްކަތްކުރާނެ ކަމަށް ވެސް ބުންޏެވެ. އަގު ހެޔޮ ފޯނެއް ނަމަ އަޅައިނުލައި ދާނީ ކަމަށް ވެސް ރައްޓެސަކު ބުންޏެވެ. އެންމެ ބޮޑަށް އަޅައިގަތް ޖަވާބަކީ ވެސް މިއީ އެވެ.

އަގު ހެޔޮ ފޯނެއް ނަމަ އަޅައިނުލައި ދާނީ ކަމަށް ބުނުމުން، ހަމަ ގައިމު ވެސް އިޚްލާސްތެރިކަމެއް ނެތީއޭ ބުނެވިދާނެ އެވެ. އެއީ އަގު ބޮޑު ފޯނެއް ނަމަ، ވެރި ފަރާތް ހޯދުމުގެ ބަދަލުގައި އަމިއްލަ އެއްޗެއް ގޮތުގައި ގެންގުޅޭނެ ކަމަށް މާނަކުރެވޭތީ އެވެ.

އެކަމަކު މީހެއްގެ ފޯނެއް ވެރިކޮށްލައިގެން ގެންގުޅުމަކީ މިހާރު މޮޔަ ކަމަކަށް ނޫނީ ނުވާނެ އެވެ. ފޯނުގެ އައިއެމްއީއައި ނަންބަރު އެ ފޯނުގެ ވެރިފަރާތަށް އެނގޭ ނަމަ ފުލުހުން މެދުވެރިކޮށް ފޯނު ހޯދޭނެ އެވެ. އެ ހިސާބުން ވަގަކަށްވީ އެވެ. ގޮތް ނޭނގޭ މީހަކު ވިއްކާ ފޯނެއް ގަންނަ މީހާއަށް ވެސް މި ލަނޑު ލިބިދާނެ އެވެ. އެހެންވެ ފޯނެއް އޭގެ ވެރިފަރާތަށް ރައްދުކުރުމަށް ވުރެ ބުއްދިވެރި ގޮތެއް އޮތް ކަމަކަށް ނުފެނެ އެވެ.

މަގުމަތިން ފޯނެއް ފެނިއްޖެ ނަމަ ވައިބާ ގްރޫޕެއްގައި، ނުވަތަ ފޭސްބުކްގައި ޖަހައި، ވެރި ފަރާތް ހޯދުމަށްޓަކައި ގިނަ މީހުންގެ އެހީ އަށް އެދުމަކީ ވެސް މިހާރު ކުރާ ކަމެވެ. ސައިކަލު ގެއްލުމުން ވެސް ވައިބާ ގްރޫޕްތަކުގައި އެކަން އިއުލާންކުރެ އެވެ. މަގުމަތިން ޕާސްޕޯޓެއް ހޮވައިގެން ވެސް އިހަކަށް ދުވަހު ވައިބާ ގްރޫޕެއްގައި ޖަހާފައި އޮތެވެ.

އަހަރެން ވެސް ދުވަސްކޮޅެއް ކުރިން މަގުމަތިން ފޯނެއް ހޮވީމެވެ. ވަރަށް ފަހުގެ އަގު ބޮޑު ފޯނެކެވެ. ފުރަަތަމަ ހިތަށް އެރީ ފުލުހުންނާ ހަވާލުކުރުމަށެވެ. އެކަމަކު އެއީ ސްކްރީން ލޮކްކޮށްފައި އޮތް ފޯނަކަށް ނުވުމުން، ގުޅާފައި ހުރި ނަންބަރުތައް ހާވާލީމެވެ. ތަކުރާރުކޮށް އެއް ނަންބަރަކަށް ގުޅާފައި ހުރިތޯ އެވެ. އެ ގޮތުގައި ފާހަގަކުރެވުނު ނަންބަރަކަށް ގުޅާލުމުން، އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ފޯނުގެ ވެރި މީހާ އަށް ކިޔާ ނަމުން މުޚާތަބުކޮށް އަހަންނާ އެ ކޮޅުން ވާހަކަދެއްކި އެވެ. ވާހަކަދެއްކި މީހާ ބުނީ "މިހާ ދަންވަރު ގުޅަނީ ކީއްކުރަން"ތޯ އެވެ. އަހަރެން ބުނީ ތިޔަ ބުނާ މީހެއްގެ ފޯނު މި އޮތީ ހޮވާފައި ކަމަށެވެ.

މަދު ފޯނެއް ނޫނީ އޮންނާނީ ސްކްރީން ލޮކް ކޮށްފަ އެވެ. އެހެންވެ މިގޮތަށް ގުޅައިގެން ވެރިފަރާތް ހޯދޭކަށް ނޯވެ އެވެ. ދެން ޖެހޭނީ އެ ފޯނަށް މީހަކު ގުޅަންދެން އިންތިޒާރު ކުރާށެވެ. ފޯނު ހޮވި ކަމާއި ވެރިމީހާ ހޯދަން ބޭނުންވާކަން އެ މީހެއްގެ ގާތު ބުނާނީ އެވެ.

ހޮވާ ފޯނެއްގެ ވެރިފަރާތް ހޯދާނެ ގޮތުގެ ހިޔާލުތައް ކުރި އިރު، ސްކްރީން ލޮކްކޮށްފައި އޮތަސް ގުޅޭ ގޮތަށް ހުންނަ އިމަޖެންސީ ނަންބަރަކުން، ފޯނުގެ ހިދުމަތް ދޭ ކުންފުންޏަށް ނުވަތަ ފުލުހުންނަށް ވެސް ގުޅިދާނެކަން ހަނދާންވި ހެއްޔެވެ؟