15 އެޕްރީލް 2025 - 18:36

ފެނަކައިގެ ސައިޓުތަކަކަށް ދޫކޮށްފައިވާ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުންކުރި އެ ކުންފުނީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކޮށްދޭން އެދި ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި ސ. ފޭދޫ، އަހުމަދު ސާތިޝް ސައީދު އާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖީނިއަރިން މަގާމުގައި ހުރި ތ. ތިމަރަފުށި، މުހައްމަދު އާސިދު އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި ހުރި ސ. ފޭދޫ، ހުސެއިން އާސިރުގެ މައްސަލަ އެވެ.
އޭސީސީން ބުނީ ފެނަކައިގެ އައްޑޫ ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީ ކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް އެ ތިން މީހުން ވެސް ބޭނުންކޮށްފައިވާ ކަމަށެެވެ.
އެހެންވެ، އެ މައްސަލާގައި އެދިފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާ އާއި 82 ވަނަ މާއްދާގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން 516 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.
އޭސީސީން ބުނި ގޮތުގައި އެ މީހުން ބޭނުންކުރި 623،208ރ. އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ވަނީ ފެނަކައަށް އަންގައިފަ އެވެ.
އޭސީސީން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން، ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އެކަން ތަހުގީގުކޮށްދޭން ފުލުހުންނަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެެވެ.