15 މާޗް 2017 - 14:40

ނިއު ދިއްލީ (މާޗް 15) - ގޭންގް ރޭޕެއްގައި ބައިވެރިވުމުގެ ތުހުމަތުގައި އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގެ ކުރީގެ ވަޒީރަކު ހައްޔަރުކޮށްފި އެވެ.
ފިލައިގެން އުޅެނިކޮށް މަހެއްހާ ދުވަސް ފަހުން ގަޔަޓްރީ ޕްރަޖަޕަތީ އަތުލައިގަތީ ސްޓޭޓުގެ ވެރިރަށް ލަކްނޯ އިންނެވެ. އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅު 2014 ވަނަ އަހަރު ރޭޕް ކުރި މައްސަލައެއްގައި ޕްރަޖާޕަތީއާ ދެކޮޅަށް ޕޮލިހުން ވަނީ މައްސަލަ ފައިލްކޮށްފަ އެވެ. އެކަމަކު ޕްރަޖާޕަތީ ވަނީ މި ތުހުމަތަށް ދެކޮޅު ހައްދަވައިފަ އެވެ.
ޕްރަޖާޕަތީއާ ތަހުގީގުގައި ފުލުހުން ސުވާލު ކުރުމަށް ކޯޓުން މިއަދު ވަނީ ދެ ހަފުތާ އަށް އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިދީފަ އެވެ.
ޕްރަޖާޕަތީ އަށް ވަޒީރުކަން ގެއްލުނީ ދާދި ފަހުން ބޭއްވި އިންތިޚާބުގައި އޭނާގެ ސަމަޖްވާދީ ޕާޓީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ. އުއްތަރަ ޕްރަދޭޝްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީންނެވެ.
އިންޑިއާގައި ގޭންގް ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ބޮޑުވީ 2012 ވަނަ އަހަރު ދިއްލީގައި، ބަހެއްގެ ތެރޭގައި ދަރިވަރަކު ރޭޕް ކުރުމާ ގުޅިގެންނެވެ. އެ ކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.