15 އެޕްރީލް 2025 - 11:19

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ ދަންޖެހުނު އިތުރު މީހަކަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއީ، އެ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓައި ހަފުތާއެއްގެ ތެރޭގައި ދަންޖެހުނު ދެ ވަނަ މައްސަލަ އެވެ. އަދި މި ފަހުން އެ ސްޓޭޝަންގެ ބަންދުގައި ހުއްޓާ ދަންޖެހުނު ތިން ވަނަ މީހާ އެވެ.
މި އަހަރު އެންމެ ފުރަތަމަ ދަންޖެހުނީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގެ ތަހުގީގަށް މި މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ. ބަންދުގައި ހުއްޓައި އޭގެ ދެ ދުވަސް ފަހުން ދަންޖެހިގެން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ 34 އަހަރުގެ އެ މީހާ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ދެ ވަނަ ހާދިސާ ހިނގީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހިގެން ފަރުވާ ދިނުމަށް، އެ ރަށުގައި ހިންގާ ރީޖަނަލް ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ދަންޖެހިގެން ގެންދިޔަ 26 އަހަރުގެ ފިރިހެނަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބަންދުގައި ހުއްޓައި ދަންޖެހުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތުތައް އެޗްއާރުސީއެމް އާއި އެންއައިސީއަށް ހިއްސާކޮށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.