15 އެޕްރީލް 2025 - 13:49

ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ އެންމެންނަށް އެ ފަރުވާ ފޯރުކޮށްދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަދި އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

އައިސީޕީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަކީލާ ވިދާޅުވީ އައިސީޕީ އަކީ ސިއްހީ ދާއިރާގައި އޭނާ މަސައްކަތް ކުރެއްވިއިރު ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވެފައި އޮތް މިންވަރު ފެނިވަޑައިގަތުމުން، އެ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އުފެއްދެވި ތަނެއް ކަމަށެވެ.

"އަޅުގަނޑުމެން މިކަން ފެށި އިރު ބޭނުންވީ އޯގާތެރިކަމާއި އެކު ރައްކާތެރިކަން އިހުސާސް ކުރެވޭނެ ފަދަ ތަނެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭނެ ތަނެއް ގާއިމުކުރުން. އަދި ނަފްސާނީ ބައްޔާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށް ފަރުވާ ހޯދަން ހިތްވަރު ދިނުން." އޭނާ ވިދާޅުވި އެވެ.
ޑރ. ޝަކީލާ ވިދާޅުވީ އައިސީޕީގެ މަސައްކަތް ފެށިއިރު، ފަރުވާ ދިނުމަށާއި ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ކަމަށެވެ. ނަމަވެސް ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ނަފްސާނީ ބައްޔާ މެދު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލު ކުރެވިފައިވާ ކަމަށާއި އެކަމުގައި އައިސީޕީގެ ދައުރު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ޝަކީލާ ވިދާޅުވީ ޒަމާނާއެކު ނަފްސާނީ ބަލިތައް ބަދަލުވެ، ބޭނުންވާ ފަރުވާތައް ވެސް ބަދަލުވަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ބަދަލުވަމުންދާ ނަފްސާނީ މައްސަލަތަކާއި ބަލިތަކާ މެދު ދިރާސާތައް ހަދާ ފަހުގެ ޓެކްނޮލަޖީއާއެކު އީޖާދީ ހައްލުތައް ހޯދަން ޖެހޭ. މިކަން ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން." އޭނާ ވިދާޅުވި އެވެ.
ޑރ. ޝަކީލާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މިންވަރު އިތުރުވަމުން ދާއިރު، އެ ފަރުވާއަކީ ފަސޭހައިން ލިބޭނެ ހިދުމަތަކަށް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެންމެންނަށް އެ ފަރުވާ ލިބޭނެ ގޮތް ފަހިކޮށްދެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
ޑރ. ޝަކީލާ އަކީ އައިސީޕީގެ އެއް ފައުންޑިން މެމްބަރެވެ. އައިސީޕީއިން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މާލެ އާއި އަތޮޅުތަކުގައި ވެސް ހިންގަ އެވެ.