16 މާޗް 2017 - 06:02

އާމިރު ޚާންގެ 52 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި އަންގާރަ ދުވަހު މީޑީއާއާ ބައްދަލުކޮށް ދިން ޚާއްސަ އިންޓަވިއުއެއްގައި އޭނާއާ ބެހޭ ގޮތުން މީހުން ދައްކާ އެކި ވާހަކަތަކަށް ޖަވާބު ދީފައިވެ އެވެ. އެގޮތުން އެވޯޑް ޝޯތަކަށް ނުދާ ސަބަބާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދިނެވެ.
މިކަމާ ގުޅުވައިގެން ނޫސްވެރިޔަކު ވަނީ "ދަންގަލް" އަށް ނެޝަނަލް އެވޯޑެއް ލިބުނަސް އެވޯޑު ބަލައި ނުދާނަންތޯ ސުވާލުކޮށްފަ އެވެ. އާމިރު ބުނީ އެއްގޮތަކަށް ވެސް އެވޯޑު ފަންކްޝަންތަކަށް ނުދާ ކަމަށާއި ފިލްމު ބަލާ މީހުން އެ ފިލްމެއް ބަލާފައި ބުނާ ވާހަކަތަކާއި ދޭ ލޯބި އެއީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އެވޯޑު ކަމަށެވެ. އޭނާ ބުނީ އެވޯޑާ ބެހޭ ގޮތުން ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ކަމަށެވެ.
އާމިރު އެވޯޑު ޝޯތަކަށް ދިއުން ހުއްޓާލީ 1996 ވަނަ އަހަރު އޭނާ އާއި އާމިރު ފިލްމްފެއާ އެވޯޑު އެންމެ މޮޅު ބަތަލުގެ ކެޓަގަރީން ނޮމިނޭޓްވެސް "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" އިން ޝާހްރުކަށް އެ ފަހަރު އެވޯޑު ލިބުނު ފަހުންނެވެ. އާމިރު އެ އަހަރު ނޮމިނޭޓްވީ "ރަންގީލާ" އިންނެވެ. ނަމަވެސް މިއަހަރު "ދަންގަލް" ކުޅެގެން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ އާމިރު ޚާނަށެވެ.
"ދަންގަލް" ކުޅެން އާމިރު އޭނާގެ ހަށިގަނޑަށް 22 ކިލޯ އިތުރުކުރި އެވެ. ނަމަވެސް ފަހުން ވަނީ ކުރިން ހުރި ބަރުދަނަށް ހަށިގަނޑު ގެނެސްފަ އެވެ.
އާމިރު ބުނި ގޮތުގައި އެކްޓަރުން އެ ކުޅޭ ކެރެކްޓާއަކާ އެއްގޮތަށް ހަށިގަނޑަށް ވެސް ބަދަލު ގެނައުން ވަރަށް މުހިއްމެވެ. "ދަންގަލް" ގައި ކުޅުނު ކެރެކްޓާގެ ތެރެއަށް ވަދެވިގެން ދިޔަލެއް ބޮޑުކަމުން ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ވެސް ވިސްނާ ނުލެވުނު ކަމަށާއި ނަމަވެސް މިހާރު ސިއްހަތު ބަރާބަރު ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ދަންގަލް" އަށް ފަހު އާމިރު ކުޅޭ ދެތިން ފިލްމެއްގެ ވާހަކައެއް މީޑިއާތަކުގައި ލިޔުނު ނަމަވެސް "ތަގްސް އޮފް ހިންދުސްތާން" ނޫން ފިލްމެއް އޭނާ މިވަގުތު ކުޅެން ހަމަޖެހިފައިވާ ނުވާ ކަމަށް ވެސް އާމިރު ބުންޏެވެ. އަމީތާބު ބައްޗަންއާ އެކު މި ފިލްމުގައި ފުރަތަމަ ފަހަރަށް އާމިރު ސްކްރީން ހިއްސާ ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށާއި ފިލްމު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކަމަށް ވެސް އޭނާ ބުންޏެވެ.