14 އެޕްރީލް 2025 - 23:18

އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ވެސް މިރޭ މަރުވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ ފިރިހެން މީހާ މަރުވީ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ.
އަލިފާނުގެ ހާދިސާގައި ފިރިހެން މީހާގެ ގައިގެ ބޮޑުބައެއް އޮތީ ފިހިފަ އެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައިރު، އޭނާގެ ހާލަތު ދިޔައީ ރަނގަޅު ވަމުންނެވެ. ނަމަވެސް ފަހުން ހާލު ވަރަށް ބޮޑަށް ގޯސްވެ، ޑޮކްޓަރުން އުންމީދު ކަނޑާލާ ހިސާބަށް ދިޔައީ އެވެ.
ރާއްޖެ އިން ބޭރަށް ގެންދިއުމާ ހަމައަށް އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދިނީ އައިސީޔޫގަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ މީހުންގެ ގައިގަ އެވެ.
އެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު 31 އަހަރުގެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ.
ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް، އެ މީހުން ތިބި ކޮޓަރީގައި ރޯވީ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.