16 މާޗް 2017 - 06:05

ކަލްކަތާ އެއާޕޯޓު ތެރޭގައި މީހަކު ވިދްޔާ ބާލަންއާ އެކު ސެލްފީއެއް ނަގަން އައި މީހަކު އޭނާގެ އުނަގަނޑު އެއް އަތުން ބައްދައިގެން ހުރެ ފޮޓޯ ނަގަން އުޅުމުން އެ މީހާ ލަދުގަންނަވާލައިފި އެވެ.
އިންޑިޔާ ނޫހެއް ކަމަށްވާ ސްޕޮޓްބޯއި އަށް ވިދްޔާ ބުނި ގޮތުގައި މި ހާދިސާ ހިނގީ އޭނާގެ ފިރިހެން ސަޕޯޓަރެއް ސެލްފީއެއް ނަގަން އެދުމުން އެ މީހާ ކަންތައް ކުރި ގޮތުންނެވެ. ފޮޓޯ ނަގާއިރު ގައިގައި އަތް ނުލަން ބުނުމުން ވެސް ދެ ވަނަ ފަހަރަށް ވެސް އަތްލީ ކަމަށާއި އަދި ރުޅި އައިސްގެން ހަޅޭއްލަވައިގަތުމުން އަނެއްކާވެސް ފޮޓޯއެއް ނެގުމުގެ ފުރުސަތަކަށް އެދުނު ކަމަށް ވިދްޔާ ބުންޏެވެ.
ހިތްހަމަނުޖެހިފައި ހުރި ވިދްޔާ ވަނީ، ގޮތެއް ނެތް މީހަކާ އެކު ފޮޓޯ ނުނަގާނެ ކަމަށް ބުނެ އެ މީހާއަށް ރައްދު ދީފަ އެވެ. އެ މީހާ ވިދްޔާ ގައިގައި އަތްލަން އަނެއްކާވެސް މަސައްކަތްކުރުމުން ހުރަސް އެޅީ ދިވްޔާގެ މެނޭޖަރެވެ.
ވިދްޔާ ބުނީ ނުވެސް ދަންނަ މީހަކު ގޮސް ގަޔަށް ބޮލަށް އަރައިގަތުމުން އެއީ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ވަރަށް ހިތްހަމަނުޖެހޭނެ ކަމަށެވެ.
"އަހަރެމެންނަކީ އެންމެން ދަންނަ ބަޔަކަށް ވިޔަސް އެންމެންގެ މުދާ ގަނޑެއް ނޫން،" ވިދްޔާ ބުންޏެވެ.
ވިދްޔާގެ "ބޭގަމް ޖާން"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު މި އިޝްތިހާރުން ވިދްޔާ ފެންނަނީ ވަރަށް ޖެހިލުން ކުޑަ އަންހެނެއްގެ ގޮތުގަ އެވެ. "ބޭގަމް ޖާން" އަކީ ޝްރިޖީތު މުކަރުޖީގެ ބެންގާލީ ފިލްމު "ރާޖްކާހިނީ"ގެ އެޑަޕްޓޭޝަން އެކެވެ. މި ފިލްމުގައި ދައްކަނީ ހަށިވިއްކާ ތަނެއްގައި އުޅޭ އަންހެނުން ތަކެކެވެ. ވިދްޔާ ކުޅެނީ މި ހުރިހާ އަންހެނުންގެ އެންމެ އިސްކޮށް ހުންނަ މީހާގެ ބައެވެ.
އަންނަ މަހު 14 ގައި ރިލީޒްކުރާ މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ނަސީރުއްދީން ޝާހް، ރަޖިތު ކަޕޫރު، އަޝިޝް ވިދްޔަރްތީ، ޗަންކީ ޕާންޑޭ، ގޯހަރް ޚާން، ޕައްލަވީ ޝާރްދާ ހިމެނެ އެވެ.