14 އެޕްރީލް 2025 - 20:50

އެޗްޑީސީގެ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2025' ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރު ވެސް ހުޅުވައިލީ އުމުރުން 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
އެޗްޑީސީން މިއަދު ބުނިގޮތުގައި، ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން މި އަހަރު ވެސް ޒުވާނުން ތަމްރީނު ކުރާނެ އެވެ. އެއީ، އެއްގަމު އުޅަނދުފަހަރުގެ މަރާމާތާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު އަދި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާއެވެ.
މި ދާއިރާތަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭއިރު، ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި މި އަހަރުގެ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ގަ އެވެ. މި ފަހަރުގެ ޕްރޮގްރާމްގައި ވެސް 25 ޒުވާނަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ މީހުންނަށް ކުރިއަށް ދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވުމާއި އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާ އެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ އެ ކުންފުނިން މި ޕްރޮގްރާމް ކުރިއަށް ގެންދާ 8 ވަނަ އަހަރެވެ.