މި އަހަރުގެ އެންމެ ރީތި އެއް ފިލްމަށް "މީ ލޯތްބަކީ" ވާނެ: ޗިއްޕެ
މި އަހަރުގެ އެންމެ ރީތި އެއް ފިލްމަށް "މީ ލޯތްބަކީ" ވާނެ: ޗިއްޕެ

ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އަންނަ މަހު ފަހެއްގައި ސިނަމާ އަށް އަންނާނެ އެވެ. މިއީ މިދިޔަ އަހަރު ރިލިޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ވާށޭ މަށާއެކީ" އަށް ފަހު، އަންނަ ޗިއްޕެގެ ފުރަތަމަ ފިލްމެވެ.

މަޖާ، ރީތި ފިލްމަކަށް ވާނެ ކަމަށް ޗިއްޕެ ބުނެ އެވެ.

"ހަމަ ގައިމު ވެސް މީ ލޯތްބަކީވެގެން ދާނެ މި އަހަރު ނިކުންނާނެ އެންމެ ރީތި އެންމެ މަޖާ، ޓެކްނިކަލީ ވެސް މޮޅު އެއް ފިލްމަށް،" އެންމެ ފަހު ވިންދާޖެހެންދެން ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

"އިންޑް ޕްރޮޑަކްޓާ ދޭތެރޭ އެވަަރަށް ޔަގީންކަން އޮތީމަ، ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ފިލްމް ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން. މިއީ ހަމަ ބެލުންތެރިން އެންޖޯއިކޮށްލާނެ ފިލްމެކޭ ބުނާ ހިތް ވަނީ."

ޗިއްޕެ ބުނީ "ވާށޭ މަށާއެކީ" ގޮތަށް "މީ ލޯތްބަކީ" ރޮމޭންޓިކް ކޮމެޑީއަކަށް ވިޔަސް، މީގެ ސްކްރިޕްޓް ވަރަށް ތަފާތު ވާނެ ކަމަށެވެ.

ފިލްމުގެ މައިގަނޑު ވާހަކައަކީ ބޮޑު އާއިލާއަކާއި އެ މީހުންގެ ގާތް ރަހުމަތްތެރިންނާ ދެމެދު އުފެދޭ ހައިޖާނުގަނޑެކެވެ. އޭގެ ތެރެއިން މަޖާ ގިނަ ކަންތައްތަކެއް ހިނގާ ތަން ފިލްމުން ފެނިގެން ދާނެ އެވެ.

"މީތި އަސްލު ޑިވެލޮޕްކޮށްފައި މިއޮތީ މީސްމީހުންނަށް ދިމާވެފައި ހުރި ރިއަލް ލައިފް ސިޗްއޭޝަންތަކާ ގުޅުވާލައިގެން. އަނެއްހެން ބުނަންޏާ ހިނގާފައި ހުރި މަޖާ ކަންތައްތަކެއް ފިލްމުގައި ފެނިގެން ދާނީ،" ޗިއްޕެ އާއި އައިޝަތު ފުއާދު ތައުފީފް ލިޔެފައިވާ ސްކްރިޕްޓާ ބެހޭ ގޮތުން ބުންޏެވެ.

ލީޑް ރޯލުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ފެނިގެންދާ "މީ ލޯތްބަކީ" އަކީ ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމުން އާ މޫނުތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

ޗިއްޕެ ބުނީ މި ފަހަރު ފިލްމުން ފެނިގެންދާ އާ މޫނުތަކަކީ އެ މީހުން ކުޅެފައިވާ، ކެރެކްޓާތައް ދައްކުވައި ދެވޭނެ މީހުންނަށް އިސްކަން ދީގެން ހޮވާފައިވާ އެކްޓަރުން ކަމަށެވެ. އަދި ޝޫޓިން އަބަދު ވެސް ކުރިއަށް ގެންދަނީ ރިހާސަލްކޮށްގެން ކަމަށްވާތީ، ހުރިހާ އެންމެންގެ ވެސް އެކްޓިން ރަނގަޅު ވާނެ ކަމަށް ބުންޏެވެ.

"ބޮޑު ކާސްޓެއް ގޮވައިގެން މަސައްކަތް ކުރަން އުނދަގުލެކޭ ނުބުނާނަން. ކުރީ ބައިގައި ހުރިހާ ކަމެއް ވެސް ޕްލޭންކޮށް ވަރަށް ރާވައިގެން ޑާކް ރެއިނުން މަސައްކަތް ކުރާތީ، ވަރަށް ވަރުގަދަ ޓީމްވާކެއް އޮވޭ އަބަދު ވެސް،" ޗިއްޕެ ބުންޏެވެ. "ދެން ޗިއްޕެ ޑައިރެކްޝަން ހެދިޔަސް، ޑާކް ރެއިންގެ ޓީމުން އަންނަ އިންޕުޓާ އެއްކޮށް މުޅި ފިލްމުގެ މަސައްކަތް ކުރެވިފައި ހުންނާނީ."

ފިލްމެއް އެޅުވުމުގެ ކުރިން ޑާކް ރެއިނުން ކުރާ އެހެން ކަމެއް ވެސް އޮވެ އެވެ؛ އެއީ އެ މީހުންގެ ފިލްމްތައް ސިނަމާ އަށް ގެނައުމުގެ ކުރިން ދައްކައިލަން ހާއްސަ ޓީމެއް އޮތުމެވެ. އެ ޓީމްގައި ފިލްމީ ކަންކަން އެނގޭ ހަތަރު މީހުން ތިބެ އެވެ.

"އެ މީހުންނަށް އަބަދު ވެސް ޑާކް ރެއިނުން ފިލްމް ރިލީޒް ކުރުމުގެ ކުރިން ދައްކާލާނެ. މީގެ ބޭނުމަކީ އެ މީހުން ފިލްމް ބަލާފައި ދޭ ކޮމެންޓްތަކުން ބެލުންތެރިންނަށް ފިލްމް ކަމުދާނެތޯ ނުވަތަ ނޫންތޯ ޕްރެޑިކްޓްކޮށްލުން،" ޗިއްޕެ ބުންޏެވެ. "އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށިގެން އަހަރެމެން ކުރަމުން އަންނަ ކަމެއް."

ކުރިއަށް އޮތީ "މީ ލޯތްބަކީ" ގެ ޕްރޮމޯޝަނެވެ. ފިިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ އޮލިމްޕަހުން ވިއްކަމުންނެވެ.

"އަންނަ ހަފުތާގައި އަނެއްކާ ވެސް އާ ލަވައެއް ބެލުންތެރިންނަށް ދައްކާލަން ރެޑީވަމުން މިހާރު މި އަންނަނީ،" އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން ޗިއްޕެ ބުންޏެވެ.