14 އެޕްރީލް 2025 - 13:14

ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.
ހުޅުމާލެ 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއު ފައްޓަވައި ދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު އަދި އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދެވޭނެ ކަމަށެވެ. ނަމަވެސް، އަގުހެޔޮ އަގެއްގައި ދޫކުރަން އަޅާ ހައުސިން ޔުނިޓުތަކާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ޒަމީރު ވިދާޅުވީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ އަގުހެޔޮ އަދި އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދަތިކަން، މި މަސައްކަތުން ހައްލުވާ ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މިއީ ހައުސިންގެ މަޝްރޫއުތަކަށް އުއްމީދާއި ކުރިއެރުން ލިބުނު ކަމެކެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޅޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން މާޗު 2023 ގައި ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ކުރައްވާ މި ދަތުރުގައި ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.