14 އެޕްރީލް 2025 - 10:43

އަބަދުވެސް ދިވެހިން އިސްކަންދޭނީ ދިވެހި ބަހަށް ކަމަށާއި ދިވެހީންގެ އަމިއްލަވަންތަ ކަމުގެ މައިބަދައަކީ ވެސް އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް އަދި ސައްތައެއް، ސާސްކަފެއް ވެސް ދިވެހިން ކަޑައްތުކުރާނީ ދިވެހި ބަހަށް އިސްކަންދީގެން ކަމަށެވެ.
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ވެސް ދިވެހި ބަސްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާ ވެސް ދިވެހިން ފައިހަމަކުރާނީ ދިވެހި ބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުއްމީދުތަކާ އެކު އެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭގެ ދަށުން ވަނީ "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ހާއްސަ ކޮލެޖެއް ވެސް އިފްތިތާހުކޮށްފަ އެވެ.
އެ ކޮލެޖު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ދާއިރާގެ މައްޗަށެވެ. އެއީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.