14 އެޕްރީލް 2025 - 09:37

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސައޫދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަރުޝަދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ދިވެހި ދައުލަތުން ދޭ ތިން ވަނަ ދަރަޖައިގެ އިއްޒަތެވެ. ނިޝާން މުލީގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.

ނިޝާން މުލީގެ އިއްޒަތް މަރުޝަދަށް އަރުވަން ނިންމެވީ، އެ ފަންޑުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެފައިވާ އަދި މިހާރު ވެސް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން 1978، 1981، 1992، 1999 2016، 2024 ވަނަ އަހަރު ފައިނޭންސިން ހަމަޖައްސައިދީފައި ވެ އެވެ.
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވާ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ އެވެ. މިއީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަމަ ލޯނެވެ.
އެފަންޑު މެދުވެރިކޮށް ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ފޯރުކޮށްދީފައިވެ އެވެ.