13 އެޕްރީލް 2025 - 15:41

ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ދައުލަތުގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް ތުހުމަތު ކުރެވިގެން، ދެ ޕްރޮސެކިއުޓަރުންގެ މައްސަލަ އެ އޮފީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން އެ ދެ ވަކީލުން ސަސްޕެންޑް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފުލުހުން ގެންދަނީ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ވެސް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ޕީޖީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.