13 އެޕްރީލް 2025 - 11:58

ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ މި އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށާނެ ކަމަށެވެ.
އެ ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުއްޔެވެ.
ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް 15 ރަށެއްގައި ފަށައިފަ އެވެ. އެ ރަށްރަށުގައި މި ހިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މާލެ ސަރަހައްދުގައި ވެސް ހުޅުމާލެ އާއި ވިލިމާލެއިން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.