11 އެޕްރީލް 2025 - 11:21

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ފަށަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށް، މި ހިދުމަތް ހަމަޖައްސަމުން އަންނަނީ 24 ގަޑިއިރު ދޭ ގޮތަށެވެ.

އަމީން ވިދާޅުވި ގޮތުގައި ހިދުމަތް ފަށަން ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާންކޮށްގެން، މިހާރު ވަނީ ސަޕްލައި ކުރަން ވަކި ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި ވެހިކަލް ޗާޖުކުރުމާއި މެއިންޓެންކުރުމަށް އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން އުފައްދާ ސުވާލަށް މިނިސްޓަރު ވިދާޅުވީ ދޫކޮށްލާފައި އޮންނަ ޒަމާންވީ މި ހިދުމަތަށް ބަދަލު ގެންނަން ރައްޔިތުން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮވެ އެވެ. އެކަމަކު އެ މީހަކު ބޭނުންވާ ގަޑިއެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ ދަތިތަކާ އާއްމުން ކުރިމަތިލާން ޖެހެ އެވެ.
"މި ދަތި އެބަހުރި. ސްޓޭންޑާޑް، ފެންވަރުގެ މައްސަލަތައް ވެސް އެބަހުރި. ހިދުމަތް ދިނުމުގެ ޑިސިޕްލިންގައި ވެސް މައްސަަލަ އެބަ ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްސީ ހިދުމަތުގައި ގިނަ މައްސަލަތަކެއް ހުރުމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ބަލާފައިވާ ކަމަށާއި އެ ތަންތަނުގައި ވެސް އެ ހިދުމަތް ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.