ސިއްހީ ނިޒާމު ހަރުދަނާވާނީ ޓީމެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކޮށްގެން: ނާޒިމް
ސިއްހީ ނިޒާމު ހަރުދަނާވާނީ ޓީމެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކޮށްގެން: ނާޒިމް

ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ދާއިރާ ކުރިއަރުވަން އެއް ބައެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ނިޒާމު ހަރުދަނާވާނީ ޓީމެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކޮށްގެން: ނާޒިމް
ސިއްހީ ނިޒާމު ހަރުދަނާވާނީ ޓީމެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކޮށްގެން: ނާޒިމް

ރައީސް އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން އާ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ސިއްހީ ދާއިރާ ކުރިއަރައިގެން ދާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިންސާނީ ވަސީލަތް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި ކަމަށާއި އެ ޖާގަތައް ފޫބެއްދޭނީ ގިނަ ޒުވާނުން ސިއްހީ ދާއިރާއަށް ނުކުމެގެންކަން ނާޒިމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ރާއްޖޭގައި މިހާރު ކުޑައެއް ނޫނެވެ.

މި ސަރުކާރުން ވަނީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ބަލާ ތެރަޕިސްޓުންނާއި ކައުންސެލަރުން އަދި ޑައިޓީޝަން ފަދަ މަގާމުތަކަށް 1،200 މީހުން ތަމްރީނުކުރަން ނިންމައިފަ އެވެ. ނަމަވެސް، މިހާރު ވެސް ރާއްޖެއަށް މަދުވެގެން 1،700 އެލައިޑް ހެލްތު ޕްރޮފެޝަނަލުން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުގައި ދިމާވާ ގިނަ މައްސަލަތަކަކީ ހިދުމަތުގައި ތިބޭ މީހުން ވަރަށް އަވަސް އަވަހަށް ބަދަލުވުމެވެ. އެކަމަކު، ހަރުދަނާ ގޮތެއްގައި ސިއްހީ ނިޒާމެއް ހިންގުމަށް އެއް ޓީމަކާ އެކު ގިނަ ދުވަހު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"އެއް އަހަރުކޮށްފައި އެ ޑޮކްޓަރު ގޮސްފައި، އަނެއްކާ އަނެއް އަހަރުކޮށްފައި އަނެއް ޑޮކްޓަރެއް އައިސްފައި، މިހެން ދިއުމަކީ މުޖުތަމައުއަކަށް ހެލްތުގެ ކަންކަން ރަނގަޅުކުރަން ވަރަށް ބޮޑު ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

ހަރުދަނާވެފައިވާ ސިއްހީ ދާއިރާތަކަށް ބަލާއިރު، ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެ ސެކްޓާ އޮތީ ވަރަށް ޅަފަތުގަ އެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ، ބައެއް ދާއިރާތަކުން ހާއްސަވި ފުރަތަމަ ޑޮކްޓަރުން މި ފަހުން ހިދުމަތާ ގުޅިވަޑައިގަތުމެވެ.

ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު އިންޓާންޝިޕް ނިންމައި މި އަހަރު ހިދުމަތަށް ނުކުންނާނެ އެވެ. އެ ޑޮކްޓަރުންނަށް އައިޖީއެމްއެޗްގައި އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ވެސް ބޭރުގެ ފަސް ހޮސްޕިޓަލަކުން މެޑިކަލް އިންޓާންޝިޕް ހެދޭނެ ގޮތްތައް ވަނީ ހަމަޖައްސައިދީފަ އެވެ.

ނާޒިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މި އަހަރުގެ ތެރޭގައި އިންޓާންޝިޕް ފަށާނެ ކަމަށެވެ. އޭގެ އިތުރުން، އެމްއެންޔޫއާ ގުޅިގެން އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމާއި އާ ހިދުމަތްތައް ފަށައި ހޮސްޕިޓަލުތައް އެޅުމުން ސިއްހީ ދާއިރާ ހިންގަން ގިނަ ބަޔަކު ބޭނުންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.