އިންކަމް ޓެކްސްގެ ގޮތުގައި ޓްރަމްޕް ވަނީ 35 މިލިއަން ޑޮލަރު ދައްކާފައި
އިންކަމް ޓެކްސްގެ ގޮތުގައި ޓްރަމްޕް ވަނީ 35 މިލިއަން ޑޮލަރު ދައްކާފައި

ވޮޝިންޓަން (މާޗް 15) - އިންކަމް ޓެކްސްގެ ގޮތުގައި 2005 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ވަނީ 38 މިލިއަން ޑޮލަރު ދައްކާފައި ކަމަށް އެމްއެސްއެންބީސީ އިން ބުނެފި އެވެ.

ޓްރަމްޕުގެ އާމްދަނީގެ ޓެކްސްއާ ބެހޭ ލިޔުންތައް ހޯދާފައި ވަނީ އިންވެސްޓިގޭޓިވް ނޫސްވެރިއެކެވެ. ޓްރަމްޕުގެ ޓެކްސް ބަޔާނާ ބެހޭ ގޮތުން ލިޔުންތަކެއް ހާމަކޮށްފައި މިވަނީ އެމަނިކުފާނުގެ ޓެކްސްއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކާފައި ވަނިކޮށެވެ. ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި 1995 ވަނަ އަހަރު ޓްރަމްޕަށް 916 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުމާ ގުޅިގެން ޓެކްސް ދެއްކުމުން ވަނީ އެތައް އަހަރެއް ވަންދެން ސަލާމަތްވެފަ އެވެ. ޓެކްސްގެ ގޮތުގައި 38 މިލިއަން ޑޮލަރު 2005 ވަނަ އަހަރު ޓްރަމްޕް ދައްކަވާފައި ވަނީ 150 މިލިއަން ޑޮލަރުގެ އާމްދަނީއަކުންނެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕުގެ އިންކަމް ޓެކްސް ހާމަކުރުމަށް އެތައް ގޮތަކުން ޕްރެޝަރުތައް ކުރިމަތިކުރިވި ނަމަވެސް ޓްރަމްޕް ވަނީ ހިސާބުތައް އޯޑިޓް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައުލޫމާތު ހޯދަން އެމެރިކާގެ ރައްޔިތުން ޝައުގުވެރި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގާނޫނަކުން ލާޒިމް ނުކުރި ނަމަވެސް 1976 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ކޮންމެ ރިޔާސީ ކެންޑިޑޭޓަކު ވެސް ވަނީ ޓެކްސް ބަޔާން އާއްމުކޮށްފަ އެވެ. އެހެންވެ ޓްރަމްޕުގެ ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވަނީ ކޮންމެވެސް އެއްޗެއް ފޮރުވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެމްއެސްއެންބީސީގެ ރިޕޯޓް ވައިޓްހައުސް އިން ދޮގު ކޮށްފައެއް ނުވެ އެވެ. ނަމަވެސް ޓީވީ ނެޓްވޯކުން ޓްރަމްޕުގެ ޓެކްސް މައުލޫމާތު އާއްމުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެފައިވެ އެވެ. އެމްއެސްއެންބީސީން ބުނެފައި ވަނީ އެ މައުލޫމާތު އާއްމުކޮށްފައި ވަނީ ފަސްޓް އެމެންޑްމަންޓުގެ ދަށުން ލިބިދޭ މައުލޫމާތު އާއްމު ކުރުމުގެ ހައްގުގެ ދަށުން ކަމަށެވެ.