10 އެޕްރީލް 2025 - 16:22

ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ހިލޭ އެހީގައި އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިިއަދު ބާއްވާފައިވާ ކަމަށެވެ.
މާމިގިލީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދި މާމިގިއްޔަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ގާސިމެވެ.
ފުލުހުން ބުނީ މާމިގިލީގައި ހަދާ މި މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ ތަނެއް ކަމަށެވެ.
އެ މަރުކަޒުގައި އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.